ދިވެހިންނަކީ މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙުމަތްތެރި ބައެއްކަމަށާއި ދިވެހިވަންތަކަމުގެ މިފަދަ ރީތި ސިފަތައް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ، "ދިވެހީންނަކީ ދިރިއުޅުމުގައި ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް" ކަމަށެވެ.
އަދި ދިވެހިންގެ ކިބައިގައި ހުރި މަސައްކަތްތެރިކަމާއި، ހީވާގިކަމާއި، މުރާލިކަމާއި، ރަޙުމަތްތެރިކަން ފަދަ ދިވެހިވަންތަ ސިފަތައް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ މައްޗަށް ލާޒިމު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި ދިވެހިބަހާއި ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮ ގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤައުމީ އަމާނާތެއްކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިތުރަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ޤައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދިވެހިންގެ މާތް ތަރިކަ ހަނދާންކޮށް، އެ ތަރިކަ ދެމެހެއްޓުމުގެ މުހިންމުކަން އަލުން ހަނދާންކޮށްދޭ ދުވަހެކެވެ.