ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާގުޅޭ "ނިއުޔޯކް ޑެކްލެރޭޝަން" ގަރާރަކީ ފަލަސްޠީން ރައްޔިތުންގެ ސުލްހައާއި އިންސާފް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި މި ގަރާރު ބަލައިގަތުމަށް އދ.ގެ މެންބަރު 142 ޤައުމުން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ.
ގަރާރު ބަލައިގަތުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، މި ގަރާރަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ޖަވާބުދާރީވުން ކަށަވަރުކުރުމަށް މުހިންމު ގަރާރެއް ކަމަށެވެ.
"މިއީ ފަލަސްޠީން ރައްޔިތުންގެ ސުލްހައާއި އިންސާފް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ފަލަސްޠީނުގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް އެކުލަވާލެވުނު މި ގަރާރަކީ، ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.