މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން 969 ބަލި މީހުންނަށް އޯޕީޑީ ޚިދުމަތް ފޯރުކޮށްދީ، އެކި ބާވަތުގެ 86 ސަރޖަރީ ހަދައިފިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި ޚިދުމަތްތަކަކީ ރައްޔިތުންނަށް އެމީހުންގެ ރަށުގައި ތިބެގެން ލިބިގެންދިޔަ ޚިދުމަތްތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ފޯކަސް މިއިންނަނީ ހަމައެކަނި ޑޮކްޓަރުން ވަޑައިގެން ސަރޖަރީތައް ހަދާލުމަކަށް ނޫން. އަދި އޯޕީޑީ ކޮންސަލްޓޭޝަންއަކަށްވެސް ނޫން. އެބޭފުޅުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބައޮވޭ، އެސަރަޙައްދުތަކުގެ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އިތުރުކުރުން," ސީއީއޯ ވިދާޅުވިއެވެ.
އައުޓްރީޗް ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ހަމައެކަނި ސަރޖަރީތަކާއި އޯޕީޑީ ކޮންސަލްޓޭޝަންތައް ނޫންކަން ސީއީއޯ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ ސަރަޙައްދުތަކުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބައެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާތަނަށް ރާއްޖޭގެ އާބާދީ ބޮޑު 4 ސަރަޙައްދެއްގައި މި ޚާއްސަ އައުޓްރީޗް ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގެ ސަބަބުން ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.