މާފަންނު ސަރަހައްދުގައި ބިދޭސީއަކު އިސްވެ ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭއަކަށް އަމާޒުކޮށް، އިމިގްރޭޝަން ޓާސްކް ފޯސްއިން ރޭ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ ތިން ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ދެ ފިރިހެނުންނާއި އެއް އަންހެނެކެވެ. މި ތިން މީހުންނަކީވެސް ރާއްޖޭގައި ހުރުމުގެ ސައްހަ ހުއްދައެއް ނެތި ދިރިއުޅެމުން އައި ބިދޭސީންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.
މި މަސައްކަތުގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ އެންމެހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމާއި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، ބިދޭސީންނާ ގުޅުންހުރި އެކިއެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
އިމިގްރޭޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރޭވިފައެވެ. އަދި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގާނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.