އެއީ އަމިއްލަ ކުންފުންޏަކުން މިރަށުގައި ކުރި މަސައްކަތް ކުރުވަން އިސްކޮށް ރަށުގައި އުޅުނު މީހާއެވެ. އަންހެން ކުދިން ހިތި މީހެކެވެ. ރަށުގެ އެންމެ ރަނގަޅު އަންހެންކުދިންގެ ތެރެއިން ކުއްޖަކު އަތުލައިގަންނަންވެގެން މައިންބަފައިންނަށް ޚަރަދުކޮށްކޮށްވެސް އެކަން ކާމިޔާބުވާނެ ގޮތެއް ނުވީމާ ދަތުރަކު މާލެ ފުރަމުން ބުނީ އެހެން ހުރެވޭތޯ ނިކަން ބަލައިލާނަމެވެ.
މާލެއިން އެނބުރި ރަށަށަށް އައިސް ފުރަތަމަވެސް ދިއައީ އެގެއަށެވެ. އެއީ ރޭގަނޑު 9 ޖެހިއިރެވެ. ގޮސް އަންހެންކުއްޖާގެ ކޮޓަރީގައި ޓަކިޖަހަން ހުއްޓައި ފަހަތުން ގޮސް އޭނާގެ ގައިގައި ކޮށްޓައިލީމާ ޒުވާނަކު ޙަމަލާއެއް ދެނީކަމަށް ހީވެގެން ސިއްސައިގެން ގޮސް ބަލައިލިއިރު ފަހަތުގައި ހުރީ މާމައެވެ.
މާމަބުނީ އެމަންޖެ އުޅެނީ ރޯގާޖެހިގެންކަމަށާއި ވަރަށް ކުރިން ނިދައިފި ކަމަށެވެ. ޖެހުނީ ނުކުމެގެން އަންނާށެވެ. އިރުކޮޅަކުން ފެނުނީ މާމަ ގެއިން ނުކުމެގެން ގޮސް އޭނާއުޅޭތަނަށް ވަންތަނެވެ. އެތަން ޒުވާނުންގެ ބައަކަށް ފެނިގެން ފާރަލުމުން އެނގުނީ މާމަ ޢޭނާއާއި އަވަލައިގެން އުޅޭ ކަމެވެ. މިކަންވީ ރަށުގެ މީހުންނަށް ވަރަށް މަޖާ ކަމަކަށެވެ. ރަށުގެ އެންމެން އަނެއް ދުވަހު ދައްކަނީ އެވާހަކައެވެ.
އަނެއް ދުވަހުވެސް އިރުއެރިތަނުން މާމަ އޭނާ ހޯދަން ގޮސް އޭނާ މަސައްކަތްކުރާ ތަނުގައި އެނބުރެން ފެށުމުން ބޮޑު ގޯހެއް ހިނގައިފިކަން އެނގިގެން ޒުވާނުންގެ ގްރޫޕަކުން ޢޭނާ އެކަހެރިކޮށްފައި ސުވާލުކުރުމުން ގަނެފައިހުރި ބިރުން ކިޔައިދިނެވެ.
މާލެއިން އައީ މީހަކަށް ވިހިފާސް ރުފިޔާ ދީފައި ސިޙުރެއް ހަދައިގެނެވެ. ސިހުރުހަދާމީހާ ބުނިގޮތަށް ސިޙުރު ރާޅުޖަހާ ސަރަޙައްދަށް އެއްލާލައިފައި ދިއައީ އަންހެންކުއްޖާއާއި 4 ކަލިހަމަކުރާށެވެ! ކަންދިމާވިގޮތުން 4 ކަޅިހަމަކުރެވުނީ މާމައާއިއެވެ. އެހެންވެ ސިޙުރުި ޖެހުނީ މާމައަށެވެ.
ރަށުގައި 2 ފަންޑިތަވެރިން ތިބެއެވެ. އެދެމީހުންނަށް އުޅެއުޅެ އެކަން ރަނގަޅެއް ނުކުރެވުނެވެ. ރަނގަޅުކުރެވުނީ މާލެއިން މީހަކު ގެންގޮސް މަސްދުވަސްވަންދެން މަސައްކަތްކުރި ފަހުންނެވެ.
އޭނާ ގަތްލަދުން ފުރައިގެންދާން އުޅުނީމާ ޒުވާނުން އޭނާ ފުރިއަނުދީ ހިފެހެއްޓީއެވެ. ބުނީ ފުރޭނީ މާމަ ރަނގަޅުވީމާ ކަމަށެވެ. އެހެންވެ ރަށުގައި ހުރެފައި މާމަ ރަނގަޅުވީމާ ފުރައިގެން މާލެއައިގޮތަށް އޭނާގެ ޚަބަރެއް ނުވެއެވެ.
ސިހޫރާއި ބެހޭ ގޮތުން މިއަދުނޫހުގައި ލިޔެފައި ހުންނަ ލިޔުންތައް ކިޔަމެވެ. އެހެންވެ މިވާހަކަވެސް ޙިސްޞާކޮށްލީއެވެ. މިއީ 1990ގެ ތެރޭގައި ހިނގިކަމެކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ