މިއަހަރު މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 26.3 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ދައުލަތަށް 26.3 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.0 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 24.3 ބިލިޔަން ރުފިޔާއެވެ. މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީގެ 66 އިންސައްތަ މިހާތަނަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މިއަހަރު ދައުލަތަށް ލިބުނު އާމްދަނީގެ 78 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. މިގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 20.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 19.2 ބިލިޔަން ރުފިޔާއެވެ. ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާ ގުޅިގެން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 104.6 އިންސައްތަ އިތުރުވެފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރު މިހާތަނަށް 5.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 56.8 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.