ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެމީހުންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މާދަމާއިން ފެށިގެން ފިޔަވަޅުއަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ވުޒާރާއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 8 ވަނަ އިސްލާޙުގެ ދަށުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް 50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މިއީ ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
އަދި ހަމައެހެންމެ، 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، 2025 ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް މި ފިޔަވަޅުތައް ތަންފީޛު ކުރަމުންދާނެއެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމާއި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކުރުމާއި، ބިދޭސީންނާ ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ހިމެނެއެވެ.