ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް 3،119 މީހަކު އެއްބަސްވުމުގައި ސޮއިކޮށް، 588 މީހަކު ސެކިއުރިޓީ ޑިޕޮސިޓާއި މެއިންޓަނެންސް ފީ ދައްކައިފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިހާތަނަށް 3،131 އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށްފައިވެއެވެ. އޭގެ ތެރެއިން 3،119 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"588 މީހަކު ސެކިއުރިޓީ ޑިޕޮސިޓާއި މެއިންޓަނެންސް ފީ ދައްކާފައިވޭ. މި ފީ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވޭ،" ހަމްދާން ވިދާޅުވިއެވެ.
4،000 ފްލެޓުގެ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމާއި، ސެކިއުރިޓީ ޑިޕޮސިޓާއި މެއިންޓަނެންސް ފީ ދެއްކުމުގެ މަސައްކަތް ކުރިއަށްދަނީ ހަލުވި ދުވެއްޔެއްގައެވެ.
މި ފްލެޓުތަކަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެއެވެ.