އަސާސީ ކާބޯތަކެތީގެ ލިސްޓުގައި އިތުރު 23 ބާވަތެއް ހިމަނައި، އެތަކެތި އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި އިތުރު 23 ބާވަތެއް ހިމަނައި، އެތަކެތި އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރަނީ

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް ހިމަނައި، އެތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް ހޯލްސޭލްކޮށް ވިއްކުމަށް ވަނީ ނިންމާފައެވެ.

މިގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރި މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ. އަދި ތަރުކާރީގެ ގޮތުގައި ރަތްފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު، ބަރަބޯ އަދި ބޯވެލި ހިމެނެއެވެ. މީގެ އިތުރުން ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށިވެސް އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމަނާފައިވެއެވެ.

މި ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ. މި ނިންމެވުމާއެކު، އެސްޓީއޯއިން މި ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކަން ފެށުމުން، ބާޒާރުގައި މި ތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާއާއި ތަރުކާރީ ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ބައެއް މޭވާއާއި ތަރުކާރީގެ އަގު ބާޒާރުގައި އުފުލިފައިވާކަން ފާހަގަކުރެވިފައިވާއިރު، މި ނިންމުމަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ބާޒާރުގައި ވާދަވެރިކަން އިތުރުވެ، އަގުތައް ހަމައަކަށް އެޅިގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން