ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން، ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވި ގޮތުގައި، "ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ގޮތުގައި ވަގުތީގޮތުން ދޫކޮށްފައިވާ ބިންތައް ހުސްކުރުމުން އެބިންތައް ހިމެނޭ ސަރަޙައްދުތަކުގައި ހިމެނޭ ގޯތިތައްވެސް ހަވާލުކުރަމުން ގެންދާނެ" ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ބިން ޙަވާލުކުރުމަށްޓަކައި، އެ ސަރަޙައްދު ސާފުކޮށް އިންވަކިކުރުމުގެ މަސައްކަތް މި މަހުގެ 3 ވަނަ ދުވަހު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ބިން ދެއްކުމަށްޓަކައި އާދިއްތަ ދުވަހު ވަނީ ގުޅިފަޅަށް ގެންގޮސްފައެވެ. މި މަޝްރޫޢަކީ ސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.