މާފުށީ ޖަލުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް އަދި ސިމްކާޑުތަކެއް އަތުލައިގަނެފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ އެ އިދާރާއަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަޙުޤީޤުތަކުންނެވެ. މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޮޕަރޭޝަނުގައި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި އެކި ބްރޭންޑްތަކުގެ މޯބައިލް ފޯނުތަކާއި، މުވާސަލާތީ އެހެނިހެން ވަސީލަތްތައް ހިމެނެއެވެ. މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށެވެ.
ފުލުހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ޚާއްސަ މަސައްކަތުގެ ތެރެއިން މިފަދަ އިތުރު އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިންގުމަށް ވަނީ ރޭވިފައެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެންނެވެ.
މި ކާމިޔާބު އޮޕަރޭޝަނަކީ ޖަލުތަކުގައި ހުއްދަނޫން ގޮތުގައި ބޭނުންކުރެވޭ މުވާސަލާތީ ވަސީލަތްތައް ހުއްޓުވުމަށާއި، ސްކޭމް މައްސަލަތައް މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.