ސްޓްރެސްވުން ކުޑަ ކުރެވިދާނެ ގޮތެއް-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 49ސ
ސްޓްރެސްވުން ކުޑަ ކުރެވިދާނެ ގޮތެއް-

މިއަދުގެ ހަލަބޮލި ދުނިޔޭގައި އަޅުގަނޑުމެން އުޅެމުން ދާއިރު، ސަމާލުކަންދޭންޖެހޭ ކަންތައް ގިނަވެ، އެކަމުގެ ސަބަބުން ސިކުނޑިއަށް ހާސްކަން ގެނުވަމުންދާކަން މިއީ ގިނަބަޔަކު މިއަދު ތަޖުރިބާ ކުރަން ޖެހިފައިވާ ހަގީގަތެކެވެ. 

ނަމަވެސް ސިކުނޑީގެ ހާސްކަން ކަނޑުވާލާ ސިކުނޑި ހިމޭން ކޮށްލާނެ އާދަތަކެއް ވަނީ ހޯދިފައެވެ. އެއީ މެޑިޓޭޓް ކުރުމެވެ.  

މެޑިޓޭޓް ކުރުމަކީ ކޮބާ؟ 

މެޑިޓޭޓް ކުރުމަކީ ސިކުނޑި ގަސްތުގައި ވަކިކަމަކަށް ފޯކަސްކޮށް، ސިކުނޑިއަށް ހިމޭންކަން ގެނުވޭތޯ ބެލުމެވެ. މެޑިޓޭޓް ކުރުމުގެ މާނަ އެތައް ގޮތަކަށް ބުނެދީފައި ހުރެއެވެ. އާންމު ގޮތެއްގައި މެޑިޓޭޓް ކުރުމަކީ ހުރިހާ ދިމާލަކަށް ޚިޔާލު ދިއުމުގެ ބަދަލުގައި ވަކި އެއް ދިމާލަކަށް ޚިޔާލުގެންގޮސް ވިސްނުން ކޮންޓްރޯލް ކުރުމަށް ކުރާ ކަމެކެވެ.  

މެޑިޓޭޓް ކުރުމން ލިބޭނެ ފައިދާތަކަކީ ކޮބާ ؟  

* ވޭނެއް އަޅަމުންދާނަމަ އެކަމުން ސަލާމަތްވާން އެހީވާނެއެވެ.

ހަށިގަނޑުގެ ގުނަވަނެއްގައި ނުވަތަ ނަފްސާނީ ގޮތުންނަމަވެސް ވޭނެއް ތަހައްމަލް ކުރަމުންދާނަމަ ސީދާ އެކަމަށް ފޯކަސްކޮށްގެން އެކަމުން ސަލާމަތްވާން އެހީތެރި ވެދެއެވެ.  

* "ސްޓްރެސް" ނުވަތަ ހާސްކަމާއި ކަންބޮޑުވުން ދައްކޮށްލުމަށް އެހީތެރި ވެދެއެވެ.

ގަވާއިދުން މެޑިޓޭޓް ކުރާނަމަ "ސްޓްރެސް ލެވެލް" ދަށްކޮށްދީ މީހާ ހަމަޖެހިގެން ހުންނަން ލިބޭނެއެވެ.   

* އެހެން މީހުންނާ މުއާމަލާތުކޮށްހަދަން ފަސޭހަ ކޮށްދެއެވެ.

އެހެން މީހުންނާއި އެކު އޮންނަ ގުޅުން ތަކުގައި އެމީހުންނާ ވާހަކަ ދައްކާ މުއާމަލާތު ކުރުމަށް ދަތިތަކެއް ހުރިނަމަ، އެކަން ފިލުވާލާ މުއާމަލާތު ކުރުމަށް ފަސޭހަ ވާނެއެވެ.  

* ކަންކަމަށް ފޯކަސް ކުރަން ފަސޭހަ ކޮށްދެއެވެ.

މެޑިޓޭޓް ކުރުމުން ކަންކަމަށް ފޯކަސް ކުރަން ފަސޭހަ ކޮށްދެއެވެ. އެހެން ކަމުން މަސައްކަތުގައިވެސް ފަސޭހަތަކެއް ލިބިގެން ދެއެވެ.  

* ސިކުނޑީގައި ހުންނަ ބޭކާރު ޚިޔާލުތަކުން ދުރުވުމަށް އެހީތެރި ވެދެއެވެ.

މެޑިޓޭޓް ކުރުމުން ސިކުނޑީގައި ހުންނަ ބޭކާރު ޚިޔާލުތަކާއި ވަކިވެ، ހިމޭންކަމާއި އެކު ސާފު،ސީދާ ގޮތެއްގައި ވިސްނުމުގެ ގާބިލިއްޔަތު އިތުރު ކޮށްދެއެވެ. 

* ނަފްސާނީ ސިއްހަތު ފުރިހަމަ ކޮށްދިނުމަށް އެހީތެރި ވެދެއެވެ.

މެޑިޓޭޓް ކުރުމުން މީހާގެ މޫޑް ރަގަޅުވެ ނަފަސާނީ ގޮތުން ހަމަޖެހުން ގެނުވައެވެ. 

* "ސެލްފް އެވެއާނަސް" އިތުރު ކޮށްދެއެވެ.

މެޑިޓޭޓް ކުރުމުން އަމިއްލަ ނަފްސުގެ ކަންކަން ހުންނަ ގޮތާމެދު ވިސްނާ ކަންކަން އިސްލާހު ކުރުމަށް މަގުފަހިވެއެވެ. އަމިއްލަޔަށް ކަންކަމުގައި ވިސްނުން ގެންގުޅެވޭ ގޮތްގޮތާމެދު ސަމާލުކަން ދެވި ދެރަވުން، ރުޅިއައުން ފަދަ ކަންކަން ކޮންޓްރޯލް ކުރަން ދަސްވެ މީހާ އިތުރަށް ފުރިހަމަ މީހަކަށް ވުމުގެ ފުރުސަތު ލިބެއެވެ.  

* ނިދަން ފަސޭހަވެ، އަދި އަރާމު ނިންޖެއް ލިބުމަށް މަގުފަހިވެއެވެ.  

މެޑިޓޭޓް ކުރުމުން ސިކުނޑި ރިލެކްސް ކޮށްދީ ފަސޭހައިން ނިދިއައިސް، އަދި ލިބޭ ނިންޖަކީވެސް އަރާމު ނިންޖަކަށް ހަދާދެއެވެ.  

* އިމިއުނިޓީ ރަގަޅު ކޮށްދެއެވެ.

މެޑިޓޭޓް ކުރުމުން ހަށިގަނޑުގެ އިމިއުނިޓީ ނުވަތަ ބަލި ތަކުން ދިފާއު ވުމުގެ ބާރު ގަދަ ކޮށްދީ ބަލިތަކުން ދުރުވެ ހުރުމަށް މަގުފަހި ކޮށްދެއެވެ.އަދި ބައްޔެއް ޖެހުނު ނަމަވެސް އަވަހަށް ބަލިން ސަލާމަތް ވުމަށް އެހީތެރި ވެދެއެވެ.  

* މެންޓަލް "ރެސީލިއަންސް" ގަދަ ކޮށްދެއެވެ.  

މެޑިޓޭޓް ކުރުމުން މީހާގެ ނަފްސާނީ ސިއްހަތު ރަގަޅުކޮށްދީ އެކި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރު ކޮށްދެއެވެ.  

މެޑިޓޭޓް ކުރާނީ ކިހިނެއް ؟  

1) ފުރަތަމަ އެހެން ފަރާތެއްގެ އުނދަގުލެއްނެތި ހިމޭންކަމާއެކު އިށީނދެ އިދެވޭނެ ތަނެއް ހޯދާށެވެ.

2) މެޑިޓޭޓް ކުރާނެ ވަގުތު ކަނޑައަޅާށެވެ. އަލަށް ފަށާނަމަ ފަސްމިނިޓް ނުވަތަ 10 މިނިޓް ވެސް ރަގަޅުވާނެއެވެ.

3) އަމިއްލަ ހަށިގަނޑަށް ސަމާލުކަން ދޭށެވެ.

މެޑިޓޭޓް ކުރަން އިންނަ އިރު ހަށިގަނޑު ބަހައްޓާނެ ގޮތަށް ސަމާލުކަންދޭށެވެ. މިސާލަކަށް ދެފައި ބިމުގައި ޖައްސާލައިގެން ގޮނޑިއެއްގައި އިށީދެއިދެވިދާނެއެވެ. ނޫންނަމަ ދެފައި ވަށްކޮށްލައިގެން ހަރު ތަނެއްގަވެސް އިށީދެ އިދެވިދާނެއެވެ. މުހިންމީ އުދަގުލެއް ނެތި އިރުކޮޅަކަށް ހިމޭނުން އިދެވޭނެ ތަނެއް ހޯދުމެވެ.

4) ނޭވާ ހިނގާގޮތަށް ޚާއްސަ ސަމާލު ކަމެއް ދޭށެވެ.

މެޑިޓޭޓް ކުރަން އިންނަ ވަގުތުކޮޅުގައި، ނޭވާ އެތެރެޔަށް ވަންނަ ގޮތާއި އަދި ބޭރަށް ނޭވާލާއިރު ހަށިގަނޑަށް ވާގޮތަށް ފޯކަސް  ކުރުން މުހިންމެވެ.

5) ވިސްނުން އެހެން ދިމާލަކަށް ގޮސްފިނަމަ އެކަން ފާހަގަކޮށް އަނެއްކާ އަނބުރާ އަންނާށެވެ.

މެޑިޓޭޓް ކުރަމުން ދާއިރު ފޯކަސް ބަހައްޓަން ޖެހޭނީ ނޭވާ ލެވޭ ގޮތަށް އެކަންޏެވެ. އެހެން ނަމަވެސް އެހެން ދިމާދިމާލަށް ވިސްނުން ދާނެކަންމީ މުޖައްރިބު ކަމެކެވެ. މިހެން ދިމާވުމުން އެ ޚިޔާލެއް ދޫކޮށްލާ، އަނެއްކާވެސް ނޭވާޔަށް ވިސްނުން ގެންނާށެވެ.

6 ޚިޔާލުތައް ވެރިވަމުން ދިޔަނަމަވެސް އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ.

މެޑިޓޭޓް ކުރަމުން ދާއިރު އެހެން ކަންކަމަށް ޚިޔާލު ދިޔަނަމަވެސް މާގޯސްކޮން އަމިއްލަ ނަފްސް "ޖަޖް" ނުކުރާށެވެ. އެކި ދިމާދިމާލަށް ޚިޔާލް ދިޔަނަމަވެސް ހަމަ އަނެއްކާވެސް ނޭވާ އަށް ފޯކަސް ކުރަން ފަށާނީއެވެ.

7) އޯގާތެރި ކަމުގެ ޝުއޫރު ތަކަކުން ނިންމާލާށެވެ.

ފުރަތަމަ ފަށާއިރު ލޯމަރާލައިގެން އިންނަމަވެސް ނޭވާޔަށް ފޯކަސް ކުރަން ދަސްވެ، ދިހަވަރަކަށް މިނިޓް އިނދެވޭގޮތް ވުމުން،(ލޯ މަރައިގެން އިން ނަމަ) މަޑުމަޑުން އިސް ނެގުމަށްފަހު ދެލޯ ހުޅުވާށެވެ. އަދި ވަށައިގެން ހިނގާ ބައެއް ކަންކަމަށް ބަލާލާ އަޑުތައް އަހާލާށެވެ. އަމިއްލަ ހަށިގަނޑަށް މިހާރު އައިސްފައިވާ ބަދަލާމެދު ވިސްނާލާށެވެ. ވިސްނުން ގެންގުޅެވޭގޮތަށް ތަފާތެއް އައިސްފައި ވޭ ހެއްޔެވެ؟

ތިޔަވަނީ މެޑިޓޭޝަން ރައުންޑެއް ފުރިހަމަ ކުރެވިފައެވެ. އިތުރަށް މެޑިޓޭޓް ކުރަމުން ދިޔަވަރަކަށް މީހާ އަށް ހިމޭންކަން އައިސް ޚިޔާލުތައް ކޮންޓްރޯލް ކުރަން ފަސޭހަ ވާނެއެވެ. މުހިންމީ ކޮންމެ ދުވަހަކުވެސް މިކަމަށް ވަގުތު ކޮޅެއް ހުސް ކުރުމެވެ.    

ބައެއް މީހުން މާތް ﷲ އާއިމެދުގައި ވިސްނުމަށްވެސް މިގޮތަށް މަޑުކުރެއެވެ. އެކަމުން އެމީހުންނަށް ވަރަށް ހިތްހަމަޖެހުމެއް ލިބި އީމާންކަން އިތުރަށް ވަރުގަދަވެގެންދާކަމަށް ތަޖުރިބާކުރާ މީހުން ބުނެއެވެ. އަދި އެކަމަށް އެންމެ ރަނގަޅުވަޤުތަކީ ރޭގަނޑުގެ ފަހުދަންފަޅި ކަމަށް ބެލެވެއެވެ.       

 

މިއަދު އޮންލައިން