ޑިމޮކްރަސީއެއްގައި ޚިޔާލުތަފާތުވުންތަކާއެކުވެސް ސިޔާސީ ޕާޓީތަކުން އިސްކަން ދޭންވާނީ ޤައުމީ މަސްލަހަތަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަޔާނެއްގައި، ފުރިހަމަ ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީތަކުން އިސްކަންދޭންވާނީ ޤައުމީ މަސްލަހަތަށް ކަމަށާއި، ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން މަޝްވަރާކުރުމަށް ސިޔާސީ ޕާޓީތަކަށް އެއް މޭޒަކަށް އެރެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ސިޔާސަތުތައް ހަރުދަނާވިވަރަކުންނެވެ. އަދި ރައްޔިތުން އުފައްދާ ވެރިކަމެއް އޮތުމަކީ ޑިމޮކްރަސީގެ އެންމެ ރިވެތި ސިފަކަމުގައި ވިދާޅުވިއެވެ.
"ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގެއް ވޯޓުލުމުގެ ޙައްގަކީ. އެހެންވީމަ އެ ޙައްގު އަދާކުރުން އެއީ ކޮންމެ ރައްޔިތަކުވެސް ކުރަންޖެހޭކަމެއް،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ވޯޓު ނުލައި ތިބެ، އިންތިޚާބުތަކާ ގުޅޭގޮތުން ފާޑުކިޔުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޑިމޮކްރަސީގެ ދާއިރާއިން ރާއްޖެއިން ވަނީ މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، ޑިމޮކްރަސީއަށް ރައްޔިތުން ހޭލުންތެރިވާ މިންވަރު އިތުރުވެފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މިކަމަކީ ޤައުމުގެ ކުރިމަގަށް އުއްމީދީ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.