ކާބޯތަކެތީގެ ރައްކާތެރިކަމުގެ އައު ޤާނޫނުގެ ދަށުން، ހުއްދަ ނެތި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކޮށް، އެތަންތަނުގެ މަޢުލޫމާތު އާންމުކުރާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީއޭގެ ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ ފާތިމަތު ރަޝީދާ ވިދާޅުވި ގޮތުގައި، މިއީ އެ އޮތޯރިޓީން ކޮންމެ އަހަރަކު ކުރިއަށްގެންދާ އިންސްޕެކްޝަނެއް ނަމަވެސް، އައު ޤާނޫނާ އެކު މިފަހަރުގެ އިންސްޕެކްޝަން ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. އަދި ޤަވާއިދާ ޚިލާފަށް ހިންގާ ތަންތަން ޖޫރިމަނާކުރުމާއި، ހުއްދަ ނުނަގައި ހިންގާ ތަންތަން ބަންދުކުރުމުގެ އިތުރުން އެފަދަ ތަންތަނުގެ މަޢުލޫމާތު އާންމުކުރެވޭނެއެވެ.
"ޤާނޫނު ވުޖޫދަށް އައުމުން ހުރިހާ ތަނެއް މި ޤާނޫނުގެ ދަށުން ރެޖިސްޓަރ ކުރަންޖެހޭ. އެހެންވީމަ ތަންތަން ގަވައިދާ އެއްގޮތަށް ރެޖިސްޓަރކޮށްފައިވޭތޯ ބަލާނެ. އަދި ރެޖިސްޓަރ ނުކޮށްވާ ތަންތަން ފާހަގަކޮށް ފިޔަވަޅު އަޅާނަން," ފާތިމަތު ރަޝީދާ ވިދާޅުވިއެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި މި އިންސްޕެކްޝަން ކުރިއަށްދަނީ މި މަހުގެ 21 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހިމެނެއެވެ. މި އިންސްޕެކްޝަން ކުރިއަށްގެންދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، އިހުމާލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކާބޯތަކެތި އެތެރެކުރުމާއި، ލޭބަލްކުރުމާއި، އުފެއްދުމާއި ވިއްކުމުގެ ޤަވާއިދުތައްވެސް ވަނީ މި ޤާނޫނުގައި ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.