ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށައެޅި ބިލު މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށައެޅި ބިލު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ސަރުކާރުން ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކޮށްފައިވަނީ 64 މެމްބަރުންގެ ތާއީދާއެކު، 12 މެމްބަރުން ދެކޮޅަށް ވޯޓު ދެއްވުމާއެކުގައެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިދިޔަ ޖުލައި 7 ގައި ހުށައެޅުއްވި މި ބިލު ފާސްކުރެވިފައިވަނީ، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށް، ގެނައި އިސްލާހުތަކާއެކު ހުށައެޅި ރިޕޯޓަށް ބަހުސްކުރުމަށްފަހުގައެވެ.

ބިލުގައި މުހިންމު ކަންތައްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައި، ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން އެކަން ކަނޑައެޅުމުގެ އިޚްތިޔާރު ދީފައިވެއެވެ. އަދި އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނެގުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.

ކޮމިޓީން ބިލަށް ގެނެސްފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި، ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށް ވޯޓު ނެގުމުގެ ފުރުސަތު ހުޅުވާލުމާއި، ވޯޓު ނެގުމަށް ކަނޑައަޅާ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއަށްވުރެ މަދު މުއްދަތެއްގައި އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވެއެވެ.

މި ބިލު ގާނޫނަކަށް ވުމާއެކު، ގާނޫނުއަސާސީއަށް ގެންނަން ގަސްދުކުރާ އިސްލާހުތަކަށް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެއެވެ. މީގެ ތެރޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި، ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކެޕްކުރުން ފަދަ މުހިންމު ބަދަލުތައް ހިމެނެއެވެ.

މިއަދު އޮންލައިން