މިއަހަރުގެ މަތީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންގެ ބެޗަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ލަރނިން ޕާތްވޭތަކެއް ތަޢާރަފުކުރެވި ފަށާ ބެޗުކަމަށާއި މިއީ ވަރަށް ތާރީޚީ އަހަރެއްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ތަޢުލީމީ ވަޒީރު ހާމަކުރެއްވި ގޮތުގައި، މި ލަރނިން ޕާތްވޭ ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އެކަޑަމިކް ބަޔާއި، މިއަހަރު މުޅިން އަލަށް ކީ ސްޓޭޖް 5 ގައި ތަޢާރަފުކުރެވޭ ވޮކޭޝަނަލް ތަޢުލީމުގެ ބައެވެ. މީގެ ތެރެއިން އެކަޑަމިކް ޕާތްވޭގެ ބެޗުގެ ކިޔެވުން ވަނީ އިއްޔެ ފެށިފައެވެ.
ޑރ. ޝަފީޢު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ މަތީ ސާނަވީ މަރުހަލާ ނިމޭއިރު، ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާ ކަނޑައެޅި، އެކުދިންނަކީ ވަޒީފާގެ މާހައުލަށް ތައްޔާރުވެފައިވާ ދަރިވަރުންތަކަކަށް ހެދުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ވޮކޭޝަނަލް ޕާތްވޭގައި އެކި ބާވަތުގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.
"މީގެތެރޭގައި މި ހިމެނެނީ ސްކޫލްތަކުގައި ހިންގާ ޓެކްނިކަލް ވޮކޭޝަނަލް، އަދި ވަޒީފާގެ މާޙައުލުގައި ހިންގާ ވޯކް ބޭސްޑް ޓިވެޓް ޕްރޮގްރާމެއް،" ވަޒީރު ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވި ގޮތުގައި، "މި މަރުހަލާގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދެން ހުޅުވާލާނީ. މިސާލަކަށް ޓޫރިޒަމް އަދި ކޮންސްޓްރަކްޝަން ދާއިރާގެ ޕްރޮގްރާމްތައް ހިމެނޭނެ. އެހެންވީމަ މަތީ ސާނަވީ ނިންމާއިރު، ކޮލެޖް ޔުނިވަރސިޓީތަކުގެ މަތީ ފެންވަރުގެ ކޯސްތަކަށް ވަދެވޭވަރަށް ތަމްރީން ދެވޭނެ."
މި އައު ނިޒާމުގެ ދަށުން، މަތީ ސާނަވީ މަރުހަލާގައި ޓިވެޓް އަދި ވޮކޭޝަނަލް ޕާތްވޭ ހިމެނުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ. މިއީ މަތީ ސާނަވީ ފެންވަރުގައި ވަޒީފާއާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ތަޢާރަފުކުރެވޭ އައު މަރުހަލާއެކެވެ.