ސީއެސްސީގެ ރައީސަކަށް މުޖުތާޒް ނައިބަކަށް ނާސިޙް އަދި އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގް އައްޔަން ކުރުމާމެދު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސީއެސްސީގެ ރައީސަކަށް މުޖުތާޒް ނައިބަކަށް ނާސިޙް އަދި އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގް އައްޔަން ކުރުމާމެދު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވައިފިއެވެ.

ސީއެސްސީގެ ރައީސްގެ މަޤާމަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އަދި ނައިބު ރައީސްގެ މަޤާމަށް މުޙައްމަދު ނާސިޙް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމަށް މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަން ހުށަހަޅުއްވާފައިވެއެވެ. މި މަޤާމުތައް ހުސްވެފައިވަނީ ކުރިން އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ސީއެސްސީގެ ނައިބު ރައީސްކަމަށް ހުށަހަޅުއްވާފައިވާ މުޙައްމަދު ނާސިޙަކީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެއް ކަމެވެ. އަދި އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ މޫމިނާ ވަހީދުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުނު ޖަލްސާގައި، ސީއެސްސީގެ މަޤާމުތަކަށް ހުށަހެޅިފައިވާ ނަންފުޅުތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމަށް ހުށަހެޅިފައިވާ ނަންފުޅު ދިރާސާކުރުމަށް ފޮނުވާފައިވަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށެވެ.

މި މަޤާމުތަކަށް ހުށަހެޅިފައިވާ ނަންފުޅުތަކާމެދު ގޮތެއް ނިންމުމަށްޓަކައި ކޮމިޓީތަކުން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. އަދި މަޖިލީހުގެ ތަޅުމުން ފާސްވުމުން، އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަންކުރެވޭނެއެވެ.

މިއަދު އޮންލައިން