މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސާވެންޓުންގެ ގަވައިދަށް ބަދަލު ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސާވެންޓުންގެ ގަވައިދަށް ބަދަލު ގެނެސްފި

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސާވެންޓުންގެ ގަވައިދަށް ބަދަލު ގެނެސް، އެ ބަދަލަށް އަމަލު ކުރަން ފަށައިފިއެވެ. މި ބަދަލަކީ ދިވެހި ސިވިލް ސާވިސްގެ ޤަވާއިދަށް ގެނެވުނު 13 ވަނަ އިސްލާޙެވެ.

އާ އިސްލާޙުގެ ދަށުން، ޚިދުމަތުގެ ގޮތުން ކާކުކަން އެނގެން ޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން ތިބެންޖެހޭނީ އެ މީހެއްގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ހަރުކޮށްގެންނެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައިކަން މި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާޙުގައި އިތުރު މުހިންމު ބަދަލެއްގެ ގޮތުގައި، "ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ނަމުގައި އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް އަސާސީ މުސާރަ ލިބޭގޮތަށް ދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި ޗުއްޓީ ލިބޭނީ މުވައްޒަފެއްގެ މައިންބަފައިން، އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން، އެއްބަނޑުއެއްބަފާ މީހުން، އެއްބަފާ ނުވަތަ އެއްބަނޑު މީހުން، އަދި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވާ ޚާއްޞަ ޙާލަތްތަކާ ގުޅިގެންނެވެ.

މި ބަދަލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، "އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ" ކަމަށެވެ. އަދި މިފަދަ ތަފާތުކުރުންތައް ގެންގުޅޭ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަކީ ކުރަންޖެހޭ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

މީގެ ކުރިން ޝަރުޢީ ދާއިރާގައިވެސް އަންހެން މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން މަސައްކަތްކުރެވޭނެ ގޮތަށް ހަމަޖައްސާފައިވެއެވެ. މި ބަދަލުތަކަކީ ވަޒީފާގެ މައިދާނުގައި ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން