އާއިލާ މީހަކު ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާ ނަމަ، 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވައިދު އިއްޔެ އިސްލާހުކޮށްފިއެވެ. މި އިސްލާހަކީ ސިވިލް ސާވިސް ކޮމިޝަނުން އެ ކޮމިޝަންގެ ގަވައިދަށް ގެނައި 13 ވަނަ އިސްލާހެވެ.
މި އިސްލާހުގެ ދަށުން "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ނަމުގައި އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. މި ޗުއްޓީ ލިބޭނީ މުވައްޒަފުގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، އެއްބަފާ މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދާއިމީ ބައްޔެއް ޖެހިގެން ފަރުވާ ހޯދަން ޖެހިއްޖެ ހާލަތެއްގައެވެ.
މި ޗުއްޓީ ހޯދުމަށް އެދޭ މުވައްޒަފުން، ބަލި މީހާއަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހެއްކަން އަންގައިދޭ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަން ޖެހޭނެއެވެ. މި ސެޓްފިކެޓްގައި ބަލީގެ ވައްތަރާއި ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށްފައި އޮންނަން ވާނެއެވެ. އަދި މި ސެޓްފިކެޓަކީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއް ނުވަތަ ބޭރު ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ދޫކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ.
މި ޗުއްޓީ ދޫކުރެވޭނީ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. އަދި މިހާރުވެސް ސިވިލް ސާވެންޓަކު އަމިއްލައަށް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަން ޖެހިއްޖެ ހާލަތެއްގައި މުސާރަ ލިބޭ ގޮތަށް 60 ދުވަހުގެ ޗުއްޓީއެއް ލިބެއެވެ.
މި އިސްލާހާއެކު، ސިވިލް ސާވިސްގެ މުވައްޒަފުންނަށް އާއިލާގެ މެންބަރުންގެ ބޭސްފަރުވާއަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.