ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް ކުކުޅާއި ކުކުޅު ބިސް އުފެއްދުމަށްޓަކައި ޕޯލްޓްރީ ފާމިންގގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޯލްޓްރީ ފާމިންގގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސްގެ ވިސްނުންފުޅު އެބަހުރި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޯލްޓްރީ ފާމިންގެ މަސައްކަތް އެސްޓީއޯއިން ކުރުން. ކުކުޅު އަދި ކުކުޅު ބިހަކީ ރާއްޖޭގެ ކޮންސަންޕްޝަންއަށް ވަރަށް ބޮޑަށް ބޭނުންވާ ދެ އެއްޗެއް. އެހެންވީމަ ރާއްޖޭގައި އުފެއްދޭނެ ނިސްބަތެއް ދެނެގަނެގެން ރާއްޖޭގައި ވީހާވެސް ބޮޑަށް މިކަން ކުރުމަށް އެސްޓީއޯއަށް ވަނީ މިމެންޑޭޓް ކަނޑައަޅުއްވާފައި،" ވަޒީރު ސައީދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯއިން ޕޯލްޓްރީ ފާމިންގގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ދުރު ރާސްތާގެ ޕްލޭންގެ ތެރެއިން، ރާއްޖެއިން ބޭރުން ރަނގަޅު ބިމެއް ހޯދައިގެން ފުޑް ސެކިއުރިޓީ ގާއިމްކުރުމަށްވެސް އެސްޓީއޯއިން މަސައްކަތްކުރާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ހަރުދަނާކޮށް، ކާބޯތަކެތީގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ފާހަގަކުރެވެއެވެ.