ދައުރުތައް ދައްމާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: ފަލާހު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދައުރުތައް ދައްމާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: ފަލާހު

ދައުރުތައް ދައްމާލާ ރަސްކަމެއް ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރެވުނު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް އެހުމުގެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، މިއީ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށްފައިވާ ބިލެއްކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލު ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށް މި ބިލު ވަރަށް މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

"މި ބިލުގައި ވަރަށް ސާފުކޮށް މިކަން ކުރާނެ ގޮތުގެ އުސޫލުތަކުގެ ތަފްސީލުތައް ހިމަނާފައިވާނެ. މިއީ އޮޅުވާލެވޭނެ ކަންކަމެއް ނޫން. އެއަށްވުރެ ރައްޔިތުން މާ ހޭލުންތެރި،" ފަލާހު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރަށް އަދި އިލެކްޝަންސް ކޮމިޝަނަށްވެސް މި ވޯޓު ނެގުމުގައި ނުހައްގުން އެއްވެސްކަމެއް ކުރުމުގެ ފުރުސަތު ނެތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބިލުގެ ދަށުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ފަލާހު ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ ސަބަބުން މިހާރު ތިއްބެވި މެންބަރުންގެ ދައުރު 6 މަސްދުވަހަށް ކުރުވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

އަދި ހުވާކުރުމަށް އޮންނަ ރަސްމީ ތާރީޚު ކުރިން އޮތް ގޮތަށް ބަދަލުކުރުމުގެ މަސައްކަތްވެސް މި ސަރުކާރުން ފަށާނެކަމަށް ފަލާހު ވިދާޅުވިއެވެ. މިއީ އެމްޑީޕީއަށް ކުރަން ކެރޭނެ ކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން