މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށްހެދުމުން ދީނީ ޢިލްމުވެރިން ތަޢުރީފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށްހެދުމުން ދީނީ ޢިލްމުވެރިން ތަޢުރީފުކޮށްފި

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ގަވާއިދަށް ގެނެވުނު ބަދަލާ ގުޅިގެން ދީނީ ޢިލްމުވެރިން ވަނީ ސަރުކާރަށް ތަޢުރީފުކޮށްފައެވެ. މި ބަދަލަކީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެނެވުނު 13 ވަނަ އިސްލާހެވެ.

އާ އިސްލާހުގެ ދަށުން، ޚިދުމަތް ދިނުމުގައި ކާކުކަން އެނގެން ޖެހޭ ފަދަ މުވައްޒަފުން ތިބެންޖެހޭނީ އެ މީހެއްގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ހަރުކޮށްގެންނެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މިކަމާގުޅިގެން ދީނީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މިއީ ވަރަށް މުހިންމު ނިންމެވުމެކެވެ. "މި ބަދަލާއެކު އިޖުތިމާޢީ ޢަދާލަތު ޤާއިމުވެ، މޫނު ބުރުގާއާ މެދު އޮތް ތަފާތުކުރުން ނައްތާލެވިގެންދާނެ" ކަމަށް ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ.

ކުރީގެ ސަރުކާރުތަކުން ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރުމަށް ދަތިކުރަމުން ދިޔަ މާއްދާ ބަދަލުކޮށް، އެ ތުރާލަށް ނިމުން ގެނެސްދެއްވުމީ ވަރަށް ހެޔޮ ނިންމެވުމެއްގެ ގޮތުގައި ޢިލްމުވެރިން ވަނީ ސިފަކުރައްވާފައެވެ. އަދި މިކަމަށްޓަކައި ރައީސް މުޢިއްޒަށާއި ސަރުކާރަށް ޝުކުރު ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށް ވަނީ ނިންމަވާފައެވެ. މިއީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ފުރުޞަތުތައް ފަހިކޮށްދީ، މުޖުތަމަޢުގައި އޮތް ތަފާތުކުރުން ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ބައެކެވެ.

މިއަދު އޮންލައިން