ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެލިއާ އިންވެސްޓްމަންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ރިޝްވާން އެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވީ، މިހާތަނަށް ޕޯޓުން ކުރަމުން އައި މައިގަނޑު މަސައްކަތަކީ ކޮންޓެއިނަރ ރާއްޖެ ގެނެސް ކަނޑާ ވިޔަފާރި ބަނދަރަށް ބޭރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޕޯޓުތައް އިތުރުވަމުން ދިއުމާއެކު، ލޮޖިސްޓިކް މަސައްކަތްތަކާއި ކަނޑާ ގުޅުންހުރި މަސައްކަތްތައް ފުޅާކުރުމަށް ރޭވިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އުތުރުގައި އަޅުގަނޑުމެން ޕޯޓްގެ މަސައްކަތް ފެށިއިރުގައި ވަރަށް މުހިންމު ކޮންޕޯނެންޓެއް މަދުވެގެން އެބަދޭ ކުޅުދުއްފުށި ޚާއްސަކޮށް. އެއީ އަޅުގަނޑުމެންގެ ބަނދަރެއް އޮވެފައި ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ރިކުއެސްޓް އާދޭ ވަރަށް ގިނަ ތަފާތު ހިދުމަތައް އެ ހިސާބުގަނޑުގެ މީހުންގެ ފަރާތުން،" ސީއީއޯ ރިޝްވާން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސީއީއޯ ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރު ކުޅުދުއްފުށީ ޕޯޓުގައި ވެއަރހައުސްއާއި އިންޖިނިއަރިންގ ސަރވިސް އަދި އެއްގަމު އުޅަނދު ބެލެހެއްޓުމުގެ ޚިދުމަތް ދެމުންދާއިރު، ކަނޑުގެ މަސައްކަތްތަކާ ގުޅޭ ޚިދުމަތްތަކަށް އަބަދުވެސް ޑިމާންޑް އޮންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން