ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން އަންނަ ހުކުރު ދުވަހުން ފެށިގެން މަނާކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން މިކަން ނިންމީ އެ ސަރަހައްދަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭގޮތުން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދަކަށް ވާތީއެވެ. އަދި މި ސަރަހައްދަކީ އެޗްޑީސީން ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްވެސް މެއެވެ.
އެޗްޑީސީން ބުނާގޮތުގައި އެ ޗެނަލްގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެކެވެ. އަދި އެ ސަރަހައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާތީ، މި ގަވާއިދު ތަންފީޒުކުރުމަކީ މުހިންމު ކަމެކެވެ.
މި ނިންމުމާއެކު، އެ ސަރަހައްދުގައި މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން އުންމީދުކުރެއެވެ.