ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝެރެޓަން ދޯހާ ހޮޓެލްގައި ޤަޠަރު ދައުލަތުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ އިސްރާއީލުން ދާދިފަހުން ދިން ހަމަލާގައި ޤަޠަރުގެ ރައްޔިތުން މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމާއެކު، ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ ވަރުގަދައަށް އެއްބައިވަންތަކަން ފާޅުކުރައްވާފައެވެ. އަދި ޤަޠަރުގެ މިނިވަންކަމަށް އަރައިގަތުން ކުށްވެރިކުރައްވައި، ސަރަޙައްދީ ސުލްޙަ އަމާންކަން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތަށް ފުރިހަމަ ތާއީދު ކުރައްވާކަން ހާމަކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ކުއްލި އަރަބި-އިސްލާމިކް ސަމިޓް ބޭއްވުމުގައި ޤަޠަރުން ދައްކާފައިވާ ލީޑަރޝިޕް އަދި ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މެދުވެރިކަން ކުރުމުގައި ޤަޠަރުން ކުރަމުންދާ މަސައްކަތްތައް ރައީސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި ގިނަ ދާއިރާތަކުން ދިވެހިރާއްޖެއަށް ޤަޠަރުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި އަމީރަށް ޝުކުރު ދަންނަވާފައިވެއެވެ.
ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ ދާއިރާތަކަކުން މަސައްކަތްކުރުމާ ބެހޭގޮތުން ދެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެ-ޤަޠަރު ގުޅުން އިތުރަށް ބަދަހިކުރުމަށް އަޒުމް ކަނޑައަޅުއްވައި، މުސްލިމް އުއްމަތުގެ އެއްބައިވަންތަކަމުގެ މުހިންމުކަން ދެ ލީޑަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ފަލަސްޠީނު ރައްޔިތުންގެ މިނިވަންކަމާއި އަމިއްލަ ވެރިކަމަށް ކުރާ މަސައްކަތުގައި ދެ ދައުލަތުގެ ޙައްލެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.