ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު، އިސްލާހުތަކާއި އެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ އިއްތިފާގުންނެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ފުރަތަމަ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ކޮމިޓީގެ މެންބަރުންނަށް ހުޅުވާލިއެވެ. މި ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ބިލުގައި ހުރި ގިނަ މާއްދާތަކެއް އުނިކުރުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ އިސްލާހުތަކަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމާ ގުޅިގެން އެ އިސްލާހުތަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.
ކޮމިޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސަރުކާރުގެ މެންބަރުން ގެނެސްފައިވާ އިސްލާހުތަކާއެކު ބިލު ފާސްކުރުމަށް ވޯޓަށް އައްސަވާފައެވެ. އެހެންނަމަވެސް ވޯޓަށް އެހުމާއެކު ކޮމިޓީގައި ތިބި ނޫސްވެރިން އިހުތިޖާޖުކުރަން ފެށިއެވެ.
މި ވަގުތު މެންބަރު މީކާއިލް ވަނީ ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެފައެވެ. ނޫސްވެރިންނާއި އެމްޑީޕީގެ މެންބަރުންގެ އިހުތިޖާޖުތައް އިތުރުވެ، ކޮމިޓީ ހޫނުވުމާ ގުޅިގެން ކޮމިޓީގެ ބައްދަލުވުން ވަނީ މެދުކަނޑާލާފައެވެ.
ނަމަވެސް ކޮމިޓީގެ މުގައްރިރު ވިދާޅުވި ގޮތުގައި، ބައްދަލުވުން މެދުކަނޑާލުމުގެ ކުރިން ނެގުނު ވޯޓުގައި ބިލު ފާސްކުރުމަށް މެންބަރުން ވަނީ އަތް އުފުލާފައެވެ. އަދި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައި ނުވާތީ، ބިލު ވަނީ އިއްތިފާގުން ފާސްވެފައި ކަމަށް މުގައްރިރު ހުސައިން ރިޒާ ވަނީ އިއުލާންކުރައްވާފައެވެ.