މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ކޮންޓެންޓް ކްރިއޭޓަރުންނާއި އާންމުންނަށް ތަންފީޒުވާނެ ބިލެއް ނޫން ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ. މިއީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކަށް ތަންފީޒުކުރެވޭނެ ބިލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީޑިއާ ބިލާ ގުޅިގެން ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން، އަސްވާޑް ވިދާޅުވީ ބިލާ ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ އެކަމަށް ޖަވާބު ދެއްވާނެ ކަމަށެވެ. އަދި މި މަޝްވަރާތައް ވީހާވެސް ހުޅުވާލެވިގެން ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފޯރަމްގައި ބައެއް ނޫސްވެރިން ފާހަގަކުރި ގޮތުގައި، ބިލުގައި ހުރި ރަނގަޅު ކަންކަން ފާހަގަކުރާތީ އެފަރާތްތަކަށް ދިމާކުރުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅިގެން އަސްވާޑް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން އެފަދަ ޢަމަލުތައް އެއްވެސް ގޮތަކަށް ކޮށްގެން ނުވާނެ ކަމަށެވެ.
"މީޑިއާ ބިލުގައި މީޑިއާ މާނަކޮށްފައި އޮތީ ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކަށް. ބިލު ތަންފީޒުވާނީވެސް އެ މީޑިއާތަކަށް،" އަދި ބިލުގައި ނޫސްވެރިން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް އަސްވާޑް ވިދާޅުވިއެވެ. އަދި މީޑިއާގައި ނޫޅޭ އެއްވެސް ފަރާތަކަށް މި ބިލު އެޕްލައި ނުވާނެ ކަމަށާއި، ސޯޝަލް މީޑިއާގައި ކޮންޓެންޓް ހަދާ ޒުވާނުންނަށްވެސް މި ބިލެއް ތަންފީޒެއް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް، ރަޖިސްޓަރީ ކޮށްފައިވާ މީޑިއާއެއްގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، އޭގެ ތެރޭގައި އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓަރ ހިމެނޭގޮތަށް، ހިއްސާކުރާ ޚަބަރާއި މަޢުލޫމާތަށް އެ މީޑިއާއަކުން ޒިންމާ ނަގަންޖެހޭނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ. ނަމަވެސް އާންމު ފަރާތްތަކުން ކުރާ ޕޯސްޓްތަކާއި ދައްކާ ވާހަކަތަކަކީ މި ބިލާ އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.