އަލީބާބާގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގު ފަހިވެގެންދިއުމަކީ ދިވެހި ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
"ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓް" ގެ ނަމުގައި އަލީބާބާއާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އަލީބާބާ ޑޮޓް ކޮމްގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބިގެންދިއުމަކީ ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި "އަލީބާބާގެ ފްލެޓްފޯމްތަކުން ދިވެހި ވިޔަފާރިތަކަށް 40 މިލިޔަން ބަޔާއި ކަނެކްޓްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ 200 އެއްހައި ގައުމުގެ ފަރާތްތަކެވެ. ދުވާލަކު 400،000 އިންކުއަރީ ލިބޭ މި ޕްލެޓްފޯމުން ވިޔަފާރިތަކަށް ހަމައެކަނި އުފެއްދުންތައް ވިއްކުމުގެ ފުރުސަތެއް ނޫން ލިބިގެންދަނީ. މުޅި ދުނިޔެއަށް ދިވެހިންގެ ސަޤާފަތާއި ދިވެހިވަންތަކަން ވިއްކުމުގެ ފުރުސަތު ވެސް ލިބިގެންދާނެ".
600 އަށްވުރެ ގިނަ ފަރާތްތަކެއް ބައިވެރިވި މި ވޯކްޝޮޕްގައި މިހާރުވެސް ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ 250 ފަރާތެއް ހިމެނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ، ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެ މަގު ފަހިކޮށްދިނުމުގެ ވަޢުދު ފުއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތެކެވެ.
މި ފުރުސަތުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓަށް ނުކުމެ، އާމްދަނީ އިތުރުކުރުމުގެ މަގު ތަނަވަސްވެގެންދާނެކަން ފާހަގަކުރެވެއެވެ.