މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މިނިވަން މީޑިއާއަށް ހުރަސް އެޅޭނެ ބިލެއް ކަމަށް ބުނެ ނޫސްވެރިންނާއި އާންމުން ދަނީ މަޖިލީހުގެ އިދާރާ ކުރިމަތީގައި އިހުތިޖާޖު ކުރަމުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ގޮވާލާ ފަރާތްތަކުގެ އިތުރުން، ބިލު ފާސްކުރުމަށް ގޮވާލާ ބަޔަކު ވެސް ދަނީ މަޖިލިސް ދޮށުގައި އަޑު އުފުލަމުންނެވެ.

މިއަދު ހެނދުނު 8:30 އިން ފެށިގެން ދެފަރާތުގެ މީހުން ވެސް މަޖިލިސް ދޮށުގައި އެއްވެ އަޑު އުފުލަމުންދާއިރު، ބިލާ އެއްކޮޅު މީހުން ތިބީ ކިންގްސް ކޯނާ ކައިރީގައެވެ. އަދި އަރަބިއްޔާ ސްކޫލާ ދިމާލުން މަޖިލީހުގެ އިދާރާ ކައިރިއަށް ވެސް މިފަރާތްތައް ވަނީ އެއްވެފައެވެ. ބިލު ބޭރުކުރުމަށް ގޮވާލާ ނޫސްވެރިންނާއި އާންމުން ތިބީ މަޖީދިއްޔާ ސްކޫލް ކައިރީގައެވެ. މުޒާހަރާގެ ބައިވެރިންނަށް މަޖިލިސް އިދާރާ ކައިރިއަށް ދިޔަ ނުދިނުމަށް ފުލުހުން ވަނީ މަގުތައް ބަންދުކޮށް، ބެރިކޭޑު ޖަހައި ހުރަސް އަޅާފައެވެ. އަދި މަޖިލީހުގެ އިދާރާގެ ކައިރީގައި ތިބި އާންމުންގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންނާއި އާންމުން ފުލުހުން ދަނީ އެ ސަރަހައްދުން ބޭރުކުރަމުންނެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މި ބިލަކީ ސަރުކާރު ހިންގާ ޕީއެންސީން ދިފާއުކުރާ ބިލެކެވެ. މިއަދު ހަވީރު 4:00 އަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް ތާވަލްކޮށްފައިވާއިރު، މި ޖަލްސާގައި މި ބިލަށް ވޯޓަށް އެހުން އެކަށީގެންވާ ކަމަށް ބެލެވެއެވެ.

މި ބިލުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ނޫސްވެރިންނާއި މީޑިއާ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިވަން މީޑިއާއަށް ހުރަސް އެޅޭ މާއްދާތަކެއް ހިމެނޭކަމަށް ބުނެ، މި ބިލު ބޭރުކޮށްލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބޭރުގެ އެކި ޖަމިއްޔާތައް ހިމެނޭ ގޮތަށް 21 ޖަމިއްޔާއަކުން ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ވެސް ހިމެނެއެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ މި ބިލު ފާސްކޮށްފައި ވަނީ ނޫސްވެރިން ބޭނުންވި އިސްލާހުތަކާ އެކުގައި ކަމަށާއި، މި ބިލުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަހެއް ނާޅާނެ ކަމަށެވެ.'

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރޭ ވަނީ މި ބިލަށް ހުށަހެޅުނު އިސްލާހުތަކާ އެކު ދިރާސާކުރުމުގެ މަސައްކަތް ނިންމައި ފާސްކޮށްފައެވެ. އަދި ކޮމިޓީން މިއަދު މީގެ އިރުކޮޅެއް ކުރިން ބޭއްވި ބައްދަލުވުމެއްގައި، އިއްޔެ ފާސްކުރި ބިލަށް ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ލިބިފައިވާތީ، އެކަންކަން ވެސް ބިލުގައި ހިމަނައިގެން އަނެއްކާ ވެސް މި ބިލު ފާސްކޮށްފައިވެއެވެ. މި ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގޮތަށް ޕީއެންސީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ބިލު ފާސްކުރިއިރު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް އެކަންޏެވެ.

މި ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ، މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރުމަށް މިއަދު ހަވީރު 4:00 ގައި ޖަލްސާއެއް ތާވަލުކޮށްފައިވާއިރު، މިހާތަނަށް ވެސް ކޮމިޓީން ފާސްކުރި ބިލުގެ ޑްރާފްޓެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. މީގެ ސަބަބުން، ބިލުގެ ފަހުގެ ބަދަލުތަކާ ގުޅޭ ގޮތުން މަޖިލީސް މެންބަރުންނާއި އާންމުންނަށް މައުލޫމާތު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިހާލަތުގައި މަޖިލީހުގެ ޖަލްސާގައި ބިލަށް ވޯޓަށް އެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.