ރައްޔިތުންގެ މަޖިލީހުން މިރޭ ބޭއްވި ދައުރުން ބޭރުގެ ޚާއްޞަ ޖަލްސާގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލު 60 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ފާސްކުރީ ހޯމަ ދުވަހުއެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން، ބިލުގައި ޤާނޫނުއަސާސީއާ ނުވަތަ އެހެން ޤާނޫނަކާ ފުށުއަރާ ކަމެއް އޮތްތޯ ބެލުމަށް ކައުންސެލް ޖެނެރަލަށް ފޮނުވުމުން، އެފަދަ އެއްވެސް މައްސަލައެއް ނެތްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި ބިލަށް ވޯޓަށް އެހުމުން، ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވި 4 އިސްލާޙު ވެސް ވަނީ ފާސްކުރެވިފައެވެ. އެހެންނަމަވެސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ހުށަހެޅުއްވި 2 އިސްލާޙު، އެ މެންބަރު ޖަލްސާގައި ވަޑައިގެން ނެތުމުގެ ސަބަބުން ހުށަނޭޅުނެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ ވަނީ މި ބިލު އެކުލަވާލާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށްކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމާއި، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމަށް މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.