ސަރުކާރުން އެންމެ މުހިންމު އެއް ކަމެއްދެނީ ސިއްހީ ހިދުމަތްދިނުން ފުޅާކުރުމާއި، ސިއްހަތު ފެންވަރު ރަނގަޅުކުރުމަށް ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، "ދިވެހިރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ މިއަދުގެ ސަރުކާރުން އެންމެ މުހިންމު އެއް ކަމެއްދެނީ ސިއްހީ ހިދުމަތްދިނުން ފުޅާކުރުމާއި، ސިއްހަތު ފެންވަރު ރަނގަޅުކުރުމާއި، ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމޭ" ކަމަށެވެ.
އަދި ވަޒީރު ވިދާޅުވީ، މި ގައުމުގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަސައްކަތަކީ މި އެޑްމިނިސްޓްރޭޝަންގެ ސިއްހީ ސިޔާސަތުގެ މުހިންމު އެއް އެޖެންޑާ ކަމަށެވެ. އެގޮތުން ބަލިވުމުން އެކަމަކަށް ބޭސްކުރުމާއި ބަލިތަކުން ރައްކާތެރިވެތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ އެކު ގުޅިގެން މަސައްކަތް ކުރެވޭފަދަ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރު އަމާޒުކޮށްފައިވަނީ ޚާއްސަކޮށް ކުޑަކުދިންނާއި އަލަށް އުފަންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި، އޭގެ އެންމެ މުހިންމު އެއް އަސާސަކީ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ސަމާލުކަންދިނުން ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ވަނީ މުހިންމު ކަންތައްތަކެއް ފަށައިގަނެފައެވެ. އެގޮތުން އިފްތިތާހުކުރެވުނު ލައިސެންސިންގ ސޮފްޓްވެއަރގެ މުހިންމުކަމާއި، ޕޭޝަންޓް ސޭފްޓީ ޗެންޕިއަންސް ޓްރެއިނިންގ ޕްރޮގްރާމް އިފްތިތާހުކުރުމާއި، ޕޭޝަންޓް ސޭފްޓީ ޕާތްވޭގެ މަސައްކަތްތައް ފަށައިގެން ކުރިއަށްގެންދިއުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.