މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ނޫސްވެރިންގެ އިތުބާރު ގެއްލިފައިވާ ދެ ތަން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ނޫސްވެރިންގެ އިތުބާރު ގެއްލިފައިވާ ދެ ތަން: ވަޒީރު

މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ނޫސްވެރިންގެ އިތުބާރު ގެއްލިފައިވާ ދެ ތަން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، އައު މީޑިއާ ބިލުގެ ދަށުން އުފެދޭ ކޮމިޝަނަށް މެންބަރުން އައްޔަންކުރާނީ މީޑިއާތަކުން 4 މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 މެންބަރުންނެވެ. އަދި ފުރަތަމަ މި ބިލު މަޖިލީހަށް ހުށަހެޅުނު އިރު ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ނަމަވެސް، އެ ބައި ވަނީ ސަރުކާރުން ހުށަހަޅައިގެން އުނިކޮށްފައިކަން ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ހިންގާ ދެ އިދާރާއަކީ ނޫސްވެރިންގެ އިތުބާރު ގެއްލިފައިވާ ދެ ތަން ކަމަށާއި، މީޑިއާތަކަށް ދިމާވާ ކަންކަމުގެ ހައްލެއް މި ދެ ފަރާތުން ހޯދައި ނުދެވޭކަން ރާއްޖޭގެ ނޫސްވެރިން ފާހަގަކުރައްވާ ކަމަށެވެ. މި ސަބަބަށްޓަކައި، މިހާރު ފާސްކޮށްފައިވާ މީޑިއާ ރެގިއުލޭޝަން ބިލުން މި ދެތަން އެއްކޮށްލައި އުފައްދާ ކޮމިޝަންގެ މަސައްކަތް ވަޒަންކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

"މިހާރުވެސް އައްސަވާ ޓީވީ ޗެނަލެއްގެ ވެރިއެއް ކައިރި އައްސަވާ ބްރޯޑްކާސްޓިން ކޮމިޝަނަށް އިތުބާރު ކުރަންހޭ. ވިދާޅުވާނެ އިތުބާރު ނުކުރަމޭ. ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން އިތުބާރެއް ނުކުރޭ. އޮންލައިން މީޑިއާކުރެން އައްސަވާ މީޑިއާ ކައުންސިލަށް އިތުބާރު ކުރަންހޭ. އެތަނުގައި ރަނގަޅު ސިސްޓަމެއް ނެތޭ މައްސަލައެއް ނުބެލެޔޭ ބުނާނެ. އަބަދުވެސް ކުރާ ޝަކުވާއެއް. އެހެންވީމާ މިދެތަން ފެއިލްވެއްޖެ ކަމަށް މީޑިއާތަކުން އެއްބަސްވޭ. އެއްބަސްވީމަ އަޅުގަނޑު މިދަންނަވަނީ ހިނގާށޭ މީތި ޓެސްޓް ކުރަން," ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މި އައު ބިލުގެ ދަށުން އުފެދޭ ކޮމިޝަނަކީ މީޑިއާގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެ މުއައްސަސާއެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިއަދު އޮންލައިން