ދިވެހިންނަށް ފޯރުކޮށްދޭނީ އުފެއްދުންތަކަށް ޑިމާންޑް އިތުރުކޮށް މާކެޓު ހޯދައިދިނުން: އަލީބާބާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދިވެހިންނަށް ފޯރުކޮށްދޭނީ އުފެއްދުންތަކަށް ޑިމާންޑް އިތުރުކޮށް މާކެޓު ހޯދައިދިނުން: އަލީބާބާ

ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާއިން ދިވެހި އުފެއްދުންތަކަށް މާކެޓު ހޯދައިދީ، އުފެއްދުންތަކަށް ޑިމާންޑް އިތުރުކޮށްދޭނެ ކަމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޕަބްލިކް އެފެއަރސް ޖޮންގް ޓާއޯ ވިދާޅުވެއްޖެއެވެ.

ދިވެހި އުފެއްދުންތެރިންނަށް އަލީބާބާ ޕްލެޓްފޯމުގައި ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެހީވުމަށް ބޭއްވި ޚާއްސަ މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖޮންގް ޓާއޯ ވިދާޅުވީ، ދިވެހި ސަރުކާރާއި ގުޅިގެން ކުރެވޭ މި މަސައްކަތުން ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަލީބާބާއަކީ މިހާރުވެސް 50 މިލިއަނަށްވުރެ ގިނަ ރަޖިސްޓަރޑް ޔޫސަރުން ތިބި، އަދި ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުގައި ޚިދުމަތް ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ. އެންމެ ޒަމާނީ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްދޭ މި ޕްލެޓްފޯމަކީ ދިވެހި އުފެއްދުންތެރިންނަށް މިހާތަނަށް ހުޅުވުނު އެންމެ ބޮޑު މާކެޓެވެ.

އަލީބާބާއިން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި، އޭއައި ޓޫލްސް މެދުވެރިކޮށް އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓުކުރުމާއި، ކަސްޓަމަރުންގެ މެދުގައި މަޤްބޫލު އުފެއްދުންތަކަށް ހެދުމަށް އޭއައި ސްމާޓް އެސިސްޓެންޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަތުމަށް ޑޭޓާ އެނަލިޓިކްސް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

700 އެއްހާ ބައިވެރިން ބައިވެރިވި މި މަސައްކަތު ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާ ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މިއަދު އޮންލައިން