ކުރީގެ ރައީސުންނާއި އަދި މަޖިލިސް މެންބަރުންނަށް މިހާރު ލިބެމުންދާ އިނާޔަތްތަކަށް އިސްލާހުތަކެއް ގެނައުމަށް ކުރިއަށް އޮތް މަޖިލީހުގެ ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "ކުރިއަށް އޮތް މަޖިލީހުގެ ދައުރު ހުޅުވޭއިރު، އަޅުގަނޑުމެން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި، ކުރީގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބެވި، މިހާރު މަޖިލީހުގައި ނޫޅުއްވާ ބޭފުޅުންނަށް މިލިބޭ އިނާޔަތްތަކަށް އިސްލާހުތަކެއް ގެނެސް، ބައެއް އިނާޔަތްތައް އުނިކުރުމަށް ހުށަހަޅާނަން" ކަމަށެވެ. މިއީ ޤައުމަށް ވަރަށް މުހިންމު އަދި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
އެކި މުއައްސަސާތަކުގައި މަސައްކަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން، ރިޓަޔަރ ކުރެއްވުމަށްފަހު ދައުލަތުގެ އެކި މަޤާމުތަކަށް ވަޑައިގަންނަވާއިރު، އެ މަޤާމުތަކުގައި ފުލްޓައިމްކޮށް މަސައްކަތް ކުރައްވާ ދުވަސްތަކުގައިވެސް ރިޓަޔަމަންޓް އިނާޔަތް ލިބިވަޑައިގަތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ރައްޔިތުން ދެކޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ރައީސް މުޢިއްޒުގެ ވިސްނުންފުޅުގައި ވަނީ، ފުލްޓައިމް މަޤާމެއްގައި މަސައްކަތް ކުރައްވާ ދުވަސްވަރު ރިޓަޔަމަންޓް އިނާޔަތް ނުލިބޭގޮތަށް ހަމަޖެއްސުމެވެ. މިއީ އިންސާފުވެރި ގޮތެއް ކަމުގައި ރައީސް ދެކެވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް ނިންމެވި ކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.