އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ނޮން އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައި ޙަސަން ކަލާމް އައްޔަންކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޙަސަން ކަލާމަކީ ފައިނޭންޝަލް ސަރވިސަސް އަދި ބޭންކިންގ އިންޑަސްޓްރީގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކޮށްދެއްވާފައިވާ ލައިސެންސްޑް ޝަރީޢާ އެޑްވައިޒަރެއްވެސް މެއެވެ.
ކަލާމް ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައި.އެން.ސީ.އީ.އައި.އެފް) އިން މާސްޓަރސް ޑިގްރީ އިން އިސްލާމިކް ފައިނޭންސް ހާސިލުކުރައްވާފައެވެ. މީގެއިތުރުން، އޭނާއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއަރ އެސޯސިއޭޓް މެންބަރެކެވެ.
ޙަސަން ކަލާމްގެ އައްޔަންކުރުމާއެކު، އެސްޑީއެފްސީގެ ބޯޑުގައި މިހާރު ތިއްބެވި ޑިރެކްޓަރުންގެ ތެރޭގައި އަލްފާޟިލް މުޙައްމަދު ޝަރީފް، އަލްފާޟިލް ބަދުރުއްދީން ޙަސަން، އަލްފާޟިލާ ފާޠިމަތު ފާރިހަތު ވަޙީދު، އަލްފާޟިލާ ފާޠިމަތު ޢަޒްމާ، އަލްފާޟިލް އަޙްސަލް މުޙައްމަދު އަދި އަލްފާޟިލާ ފާޠިމަތު ޔަމްނާ ހިމެނިވަޑައިގަންނަވައެވެ.
މި އައްޔަންކުރުމާއެކު، އެސްޑީއެފްސީގެ ބޯޑަށް އިތުރުވެގެންދާނީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ޚިދުމަތެވެ. މިކަމުން ކުންފުނީގެ އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.