ޖުޑީޝަރީއަށް ބްލޮކް ގްރާންޓެއް ދޭން ނިންމެވީ ސަރުކާރުގެ ނުފޫޒުން ޖުޑިޝަރީ މިނިވަންވެފައި އޮތްކަން ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގައި މިހާރު އޮތް ނިޒާމުގެ ސަބަބުން ޖުޑިޝަރީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސުން އެހެން މުވައްސަސާތަކަށް އަންގާ އުސޫލުން އަހަރުގެ ވަކި ހިސާބަށް ދިޔުމުން ޚަރަދު ކުޑަކުރުމަށް ޖުޑިޝަރީއަށްވެސް އަންގާކަމަށް ފާހަގަކުރެއްވިއެވެ.
"ތިއީ ވަރަށް މުހިންމު ބަދަލެއް. ޖުޑިޝަރީ މިހާރު މި ހިނގާ ގޮތަކީ، މިހާރުއޭ މި ދެންނެވީ ފެށުނީއްސުރެ މިއަދާ ހަމައަށް. މިހެން ހިނގަމުން އަންނަ ގޮތަކީ، ފިނޭންސް މިނިސްޓްރީން އެހެން މިނިސްޓްރީތައް ކޮންޓްރޯލްކުރާހެން ކޮންޓްރޯލްކުރާ ތަނެއް އެއީ އިނގޭތޯ. އަހަރުގެ މެދަކާ ހިސާބަށް ދިޔައިމާ، ފިނޭންސް މިނިސްޓްރީއިން ދާނެ ސަރކިއުލަރއެއް ހުރިހާ އޮފީހަކަށް. މިހާ ހިސާބުން ޚަރަދު ކުޑަކޮށްލީއޭ," ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އޮތްގޮތުން، ޖުޑިޝަރީ ހިންގުމުގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ ސަރުކާރަށްކަމަށާއި އެގޮތުން ބަޖެޓު ހިފަހައްޓާލުމާއެކު، މުޅި ޖުޑިޝަރީ ސަރުކާރަށް ހިފަހައްޓާލެވޭނެކަން ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި، ވަކި ޚާއްސަ އެކައުންޓެއް ހުޅުވައި، ބްލޮކް ގްރާންޓްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ވަކި ޢަދަދެއް ބަޖެޓުގައި ޖުޑިޝަރީއަށް ޚާއްސަކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ނިންމީ، ކެބިނެޓުގައި މަޝްވަރާކޮށްފައި، މި އަހަރުން ފެށިގެން މިއަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން ފެށިގެން، މިހާތަނަށް މިއޮތް ނިޒާމު، މި އޮތްގޮތް އެއްކޮށް ބަދަލުކޮށްލަން. ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް އެއީ، އަބަދުވެސް ޖުޑިޝަރީއަށް ދޭ އަދަދުކަމުގައި ކަނޑައަޅައި، އެ އަދަދު ބްލޮކް ގްރާންޓްގެ އުސޫލުން ޖަމާކޮށްދޭ ގޮތަށް ވަކި އެކައުންޓެއް ހުޅުވާފައި," ރައީސް ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާތަނަށް ބަޖެޓުގެ ތެރެއިން، އެއްވެސް އަހަރަކު ޖުޑިޝަރީއަށް ނުދޭވަރުގެ ބޮޑު ބަޖެޓް ސީލިންއެއް އަންނަ އަހަރު ދެއްވާނެ ކަމަށެވެ.