ޢިބްރަތްތެރި ވާހަކަ: މިޙާދިސާ ވިދާޅުވެލައްވައި އަޙްމަދު އޭނާގެ އަނބިމީހާ އާއިމެދު ކަންތައްކުރި ގޮތާއިމެދު ޙުކުމެއް ކޮށްލެއްވުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޢިބްރަތްތެރި ވާހަކަ: މިޙާދިސާ ވިދާޅުވެލައްވައި އަޙްމަދު އޭނާގެ އަނބިމީހާ އާއިމެދު ކަންތައްކުރި ގޮތާއިމެދު ޙުކުމެއް ކޮށްލެއްވުން ކީއްތޯ؟

އަހުރެން ނިޞްބަތްވަނީ ރާއްޖެތެރޭގެ ރަށަކަށެވެ. ކުޑައިރު މާލެ ގެނެސް ބައްޕަގެ ޚަރަދުގައި ގެއެއްގައި ބަހައްޓައިގެން ކިޔަވައިދިނެވެ. ކިޔަވައިގެން ވަޒީފާއަދާކުރަމުން އަމިއްލައަށް ކުދިކުދި ވިޔަފާރިކުރަމުންގޮސް ހުޅުމާލޭގައި އަމިއްލަ ފިހާރައެއް ހުޅުވީމެވެ. ރެސްޓޯރަންޓެއްވެސް ހުޅުވީމެވެ. 

ކައިވެނިކުރީ 3 ކޮޓަރީގެ ފްލެޓެއްވެސް ގަނެފައެވެ. ބައްޕަ ނިޔާވުމުން މަންމަ އަހުރެންގެ ކައިރީގައި ބަހައްޓަން ގެނައިމެވެ. ކަންދިމާވިގޮތުން އެރޭ ގެއަށް ދެވުނީ 12 ޖަހަނިކޮށެވެ. ގެއަށް ގޮސް މަންމަ ކޮބައިތޯ ސުވާލުކުރުމުން އަނބިމީހާ ދައްކަންފެށީ އެހެން ވާހަކަތަކެކެވެ. އަޅައިވެސް ނުލައި ގޮސް މަންމައަށް ތައްޔާރުކުރި ކޮތަރި ބެލިއިރަކު ނެތެވެ. ޖެހިގެން ހުރި ކޮޓަރި ބެލިއިރު ނިދަން އޮތީ ކުނަލެއްގެ މަތީގައެވެ. ރަޖާގަނޑެއްގެ ބަދަލުގައި ގައިމަތީގައި އޮތީ ބައު ބެޑްޝީޓެކެވެ. 

މަންމައަށް ގޮވައި ހޭލައްވައި ހެޔޮކޮށްހިތައި ގޮވައިގެންގޮސް މަންމައަށް ތައްޔާރުކުރި ކޮޓަރިއަށް ވައްދައި ނިންދަވަން ބާއްވާފައި ގޮސް އަނބިމީހާއާއި ސުވާލުކުރުމުން ބުނީ މުސްކުޅިންނަށް ރަނގަޅުވާނީ ހަރުތަންތަނުގައި ނިދީމައި ކަމަށެވެ. އަހުރެން ބުނީމެވެ. މަންމަ ގެންނާތީ ކޮޓަރިއެއް ތައްޔާރުކުރިކަން ނުއެނގެނީ ހެއްޔެވެ؟ އަދި ކަލޭގެ މަންމަ ހުންނަން އަންނަ ރޭރޭ ތަޅުންގަނޑުގައި ކުނާއަޅާފައި ނިދަން ނުބާއްވަނީ މަންމަގެ ޒުވާންކަމުން ހެއްޔެވެ؟ 

އަނބިމީހާ ކުރީ ސުވާލެކެވެ. ރަށްފުށު އަންހެނުންނާ އަހުރެންގެ މަންމަ އާއި އެއްވަރުކުރަނީ ހެއްޔެވެ؟ އަހުރެންވެސް ކުރީ ސުވާލެކެވެ. ކައިވެނިކޮށްގެން ތިއަހުރެވެނީ ރަށްފުށު ފިރިހެނަކާކަން ޢިއްޒަތްތެރި ކަމަނާއަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ އެހެންވީމާ އިތުރަށް ޒުވާބުކުރަން ހަދާނެ ކަމެއް ނެތެވެ. ދެން އަހުރެން ތިބާއާއި އެއް އެނދުގައި ނިދާނީ ކަލޭ އަހުރެންގެ މަންމަ މަންމަ ނިންދެވި ކޮޓަރީގައި އެކުނަލުގައި 7 ރޭ ވަންދެން ނިދީމައެވެ. މިއީ ބަދަލުކުރާނެ ނިންމުމެއް ނޫނެވެ. ނުރުހޭނަމަ މިހާރުވެސް ނުކުމެގެންދާންވީއެވެ. ދަރިންތަކެއް ނުލިބެނީސް ޙަޤީޤީ ސިފަ އެނގުނުކަމަށްޓަކައި ޙަމްދުކުރަމެވެ. 

އެެހން ބުނެފައި ކޮޓަރިއަށް ވަދެ ތަޅުލީއެވެ. ދޮރުގައި ތެޅީމައިވެސް ނުހުޅުވަމެވެ. ފަތިހު ތެދުވެ ފަތިސްނަމާދަށް ދަމުން ބަލއިލިއިރު ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެހިސާބުން އެކަން ނިންމައިލީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަހުރެންނަށް ކަންތައް ކުރެވުނު ގޮތަކީ ރަނގަޅު ގޮތެއް ނަމަ ފިލާވަޅެއް ލިބިގަންނާށެވެ! ރަނގަޅު ގޮތެއް ކަމަށް ޤަބޫލުނުކުރެވޭނަމަ އަހުރެން ކުށްވެރިކުރާށެވެ! ހަމަ ޤައިމުވެސް އަހުރެންގެ މަންމައަށް ނިކަމެތިކޮށް ހިތާ އަންތބަކު އަހުރެން ބޭނުމެއް ނޫނެވެ. އަހުރެން ޤަބޫލުކުރާނީ އަހުރެންގެ މަންމަ އާއިމެދު އެހައި ނިކަމެތިކޮށް ހިތީމާ އެކަމަށް އަދަބެއް އޮންނަން ޖެހޭނެ ކަމަށެވެ. އަހުރެން އަދަބެއް ކަނޑައެޅީ އެފަދަ ަކމެއް ތަކުރާރުވިޔަ ނުދިނުމަށެވެ. 7 ރޭ ކަނޑައެޅި ނަމަވެސް އަހުރެން ހުރީ އެއްރޭ ކޮށްފައިވެސް ކުރެވުނު ކުށް ޤަބޫލުކޮށް މާފަށް އެދުނު ނަމަ މާފުވެސް ކުރާށެވެ!

 

- ވަސީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން