އެއީ ތަނަވަސް މީހެކެވެ. ކައިވެނިކުރިތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލޮލުގެ ފެނުން ގެއްލެމުން ގޮސް އެކުގައި ގެއްލުނީއެވެ. ޑޮކްޓަރުންނަށް ކުރެވުނު ކަމެއް އޮތް ކަމަކަށް ނުވިއެވެ. އެންމެ ކުޑަމިނުން އެކަން ދިމާވި ސަބަބުވެސް ނުހޯދުނެވެ. އެހެންކަމުން ޝުކުރުކޮށްލައިގެން ގޭގައިހުރީއެވެ. ލޮލަށް ފެނުން ދެއްވަވައި އެފެނުން އަނބުރައި ގެންދެވިފަރާތުން އަނބުރައި ދެއްވެވުމުގެ އިންތިޒާރުގައެވެ.
ލޮލުގެ ފެނުން ގެއްލުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާއަށް ބަދަލުތައް އަންނަން ފެށިއެވެ. ހުރިހާ ކަމެއްހެން ކޮށްދޭންޖެހެނީ ގޭގައި ގެންގުޅޭ ނޯކަރަށެވެ. އަނބިމީހާ ގެއިން ބޭރަށް ދިއުން ގިނަވިއެވެ. ރޭގަނޑުވެސް ބޭރަށްދާން ފެށިއެވެ. ގެއަށް "ތިމާގެ" މީހުން ގެންނަން ފެށިއެވެ. ފިރިމީހާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަނބިމީހާ ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކޮށްގެން ހުރީއެވެ.
އެފަދަ ގޮތްކަށް ކަންކަން މެދުވެރިވަމުންދާތާ 6 މަސްވަރުވީފަހުން އެއްދުވަހު ހެނދުނު ސިޓިންގރޫމްގައި އިންދައި ހަމަ ކުއްލިއަކަށް ލޮލަށް ފެންނަން ފެށިއެވެ. އުފަލުން ފުރުނެވެ. އެއިރުވެސް އަނބި މީހާވީ ގެއިން ބޭރުގައެވެ. އެހެންވެ ޤަޞްދުކުރީ ނުފެންނަ ކަމަށް ހެދިގެން ހުރެފައި އަނބިމީހާ އައުމުން ސިހުމެއްދޭށެވެ.
އެހެންވެ ކަޅު އައިނުވެސް އަޅައިގެން ސޯފާގައި އިންދައި އަނބިމީހާ ބޭރުން އައިސްވަނީ ފިރިހެނަކާއިއެކުގައެވެ. ވަދެގެން އައީވެސް ބައްދައި އޮޅުލަމުންނެވެ. އެކަކު އަނެކަކަށް ދޮންދެމުންނެވެ. އައިސް ވަރަށް ލޯބިން ފިރިމީހާއަށް ގޮވާލުމުން އާދައިގެމަތިން ޖަވާބުދިނެވެ.
"ތިައހުރީ އެކަނިތޯ؟" ސުވާލުކުރުމުން ބުނީ ދެބެންގެދެދަރި ފިރިހެނަކު އެބަހުރިކަމަށާއި އޭނާ ވަޒީފާގެ އިންޓަރވިޔުއަކަށް އެއްދުވަހަށް ސިޓީއަށް އައުމުން ގޭގައި ހުރެލަން ދަޢުވަތުދިނީ ކަމަށެވެ. އޭނާއަށް ކޮތަރި ދައްކާފައި އެބަ އަންނަން ކަމަށް ބުނުމުންވެސް ފިރިމީހާ އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.
ދެމީހުން އެކުގައި ކޮޓަރިއަށް ދިއަތާ އިރުކޮޅެއްފަހުން ނޯކަރުގެ ގާތުގައި ބުނެގެން އޭނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ވަނުމުން ފެނުނީ ފެންނާނެ ކަމަށް ވިސްނި މަންޒަރެވެ. އެވަޤުތު އަނބިމީހާ ނޯކަރަށް އެއްޗެތި ގޮވަން ފެށިއެވެ. ޓަކިވެސް ނުޖަހައި ވަނީތީއެވެ. އެއިރު އިޝާރާތުން ނޯކަރަށް އަންގަމުން ދިއައީ އަނގައިން ނުބުނެ ހުރުމަށެވެ.
ފިރިމީހާ ބުންޏެވެ. "ފުދިއްޖެއެވެ. ކަލޭގެ ހުރި ތެދުވެރިކަމާ ވަފާތެރިކަން ލޮލަށް ފެނުމުގެ ނަޞީބުވެސް މިލިބުނީއެވެ. އިތުރަށް ވާހަކަދައްކައި ޒުވާބުކުރާކަށް ބޭނުމެއް ނޫނެވެ. އެކުގައި ގެންދަން ބޭނުން ހުރިހާ އެއްޗެއް ހިފައިގެން 15 މިނިޓުތެރޭގައި ގެއިން ނުކުމެގެންދާށެވެ. އެއިރުން އެނިމުނީއެވެ."
އަނބިމީހާ ދިއައީ ސިއްސައިގެންނެވެ. "ތިއަ މަކަރު ހަދައިގެން އުޅޭތާ ކިތައް ދުވަސްވެއްޖެތޯ ސުވާލުކުރުމުން ފިރިމީހާ ކަންކަން މެދުވެރިވި ގޮތް ކިޔައިދިނެވެ. އަދި ލޮލަށް ފެނުމުން ފުރަތަމަ ފެނުނު މަންޒަރަކީވެސް ދެމީހުން ބައްދައި އޮޅުލައި ދޮންދެމުން ގެއަށް ވަދެގެން އައި މަންޒަރުކަމަށް ބުނުމުން އަނބިމީހާގެ ކަރުއެލުނެވެ. މާފަށް އެދި އާދޭސްކުރަން ފެށިއެވެ. ފިރިމީހާގެ ޖަވާބަކަށްވީ "ތިއަ ނަޖިސް ދިރިއުޅުން އުޅެމުން ތިއައައީ އަހުރެންގެ ކިބައިން ކޮން ބޭނުމެއް ނުފުދޭތީތޯއެވެ؟" ދޭނެ ޖަވާބެއް އަނބިމީހާއަކަށް ނުއެނގުނެވެ. އަނބިމީހާއަށް ޖެހުނީ ގެއަށް ގެނައި ތިމާގެ މީހާއާއިއެކު ވަޤުތުން ނުކުމެގެންދާށެވެ.
މިއީ އަޅުގަނޑު ބލި ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. އަޅުގަނޑުގެ އޮތް ސުވާލަކީ ފިރިމީހާއަށް ނުވަތަ އަނބިމިހާއަށް ނުފެންނާނެކަން ޔަޤީންވާތީ ބިރެއްނެތި މިފަދަ ކަންކަން ކުރާއިރު އެކަންކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަމާއިމެދުގައިވެސް ވިސްނައިނެލެވެނީ ހެއްޔެވެ؟ ވިސްނައިލެވޭނަމަ މިފަދަ ކަންކަމެއް އެކަކުވެސް ނުކުރާނެއެވެ.
- ޝަފާ / މިއަދުނޫހުގެ ކިޔުންތެރިއެއް