ފާޙިޝް އަމަލުކޮށްގެން ފައިސާ ހޯދާ މީހަކަށް އެނޫން ގޮތެއް ނުފެންނާނެކަމަށް ބުނަނީ ކީއްވެގެންތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ބުނަން އޮތީ ތިއައީ ރަނގަޅު ވާހަކައެއް ނޫނެވެ. ތިއަބުނި ފަދަ ކިތަންމެ އަނހެނަކު އެކަންކުރުން ހުއްޓާލައި ހެޔޮލަފާ އަނބިންނަށް ބަދަލުވެފައި އެބަހުއްޓެވެ. ތަޤްވާވެރިކަން ރޭއަޅުކަންކުރާ އަންހެނުންނަށްވެސް ވަނީ ބަދަލުވެފައެވެ. ނަމަވެސް އެއީ ކުރެވެނީ ބޮޑު ފާފައެއްކަން ވިސްނި ރަނގަޅު މަގުން ދިރިއުޅެން މަސައްކަތްކުރީމައެވެ. ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވައި ކޮންމެ މީހަކަށްވެސް ރަނގަޅު ގޮތްތައް މިންވަރު ކުރައްވަވަތެވެ. އިން ޝާ ﷲ
ތިރީގައިވާ ލިޔުމުން މިބަހުގެ ތެދުކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަހަރެންގެ ދިރިއުޅުމުގެ ކަންކަން އެއިރު ހަމަޖެހިފައި އޮތް ގޮތުން ކޮންމެ ދުވަހެއްގެ ޚަރަދަށް 1000 ، 900 ބާތު ވަރު ބޭނުންވެއެވެ. ފައިސާގެ އަގު އެއިރު ހުރިގޮތުން އެއީ ގާތަގަނޑަކަށް 30 ވަރަކަށް ޑޮލަރެވެ.
އެއީ މީގެ 10 ވަރަކަށް އަހަރު ކުރިއެވެ. އާދައިގެ މަތިން އަހަރެން ހުރީ ބެންކޮކުގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައެވެ. ކަސްޓަމަރަކު ލިބޭތޯއެވެ. އެހެން ހުއްޓައި 35- 38 ވަރަކަށް އަހަރުގެ ވަރަށް "ހޭންޑްސަމް" ޒުވާނެއް ފެނުމުން އޭނާ އާއި ވާހަކަ ދައްކައިލިއިރު އޭނާވީ ދިވެއްސަކަށެވެ.
އަހަރެން އާދައިގެމަތިން "ވިޔަފާރި" ހުށަހެޅީމެވެ. އޭނާ އަގު އެހުމުން 900 ބާތުކަމަށް ބުނީމެވެ. އޭނާ އެދުނީ ފުރަތަމަ ކަމެއްގެ ގޮތުން އެތާ ކައިރީގައި ހުރި ރެސްޓޯރަންޓަކަށް އޭނާއާއިއެކު ކާން ދިއުމަށެވެ. އެއިރު އަހަރެންވެސް ހުރީ ވަރަށް ބަނޑުހައިވެފައެވެ. އެހެންކަމުން ދައުވަތު ޤަބޫލުކޮށް އަހަރެން އޭނާ އާއިއެކު ކާން ދިއައިމެވެ.
ތަފާތު މަޖާ ވާހަކަދައްކަމުން ދަނިކޮށް ކައި ނިމިއްޖެއެވެ. ކައި ނިމި ބިލު ގެނައުމުން ބިލުވެސް ދައްކައިފިއެވެ. އެއަށްފަހު ދިއުމަށްޓަކައި ދޮރުން ނުކުމެފައި އޭނާ އަހަރެންގެ އަތަށް ސިއްރުސިއްރުން އެއްޗެއް ލައިދިނުމުން ބަލައިލިއިރު 1000 ބާތު އޮތެވެ. އަހަރެން ހީކުރީ މިރޭ ކުރަން އޮތް ވިޔަފާރީގެ އަގު ކުރިއަށް އަދާކުރީ ކަމަށެވެ.
ނަމަވެސް އޭނާގެ ނިންމުމުގެ އަޑު އިވުމުން އަހަރެންނަށް އޭނާގެ ގައިގައި އޮޅުލައިގަނެވުނުވެ. އަދި ގިސްލާފައި ރޮވެން ފެށިއެވެ. އެހެނީ މިއީ އަހަރެންގެ މުޅި ހަޔާތުގައިވެސް މިފަދަ ގޮތެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ. އަހަރެންގެ އަތަށް ފައިސާ ލައިދީފައި އޭނާ ބުނީ ވިޔަފާރި މިނިމުނީ ކަމަށެވެ. އަދި ވިޔަފާރި މިނިންމީ ދެ މީހުންނަށްވެސް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ.
ދެފަރާތަށް ފައިދާހުރި ގޮތަކަށްވީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ކިޔައިދިނެވެ. "ކަލެއަށް މިނިންމުމުން ލިބޭނެ ފައިދާއަކީ ﷲ ޙަރާމް ކުރެއްވެވި އަމަލެއް ނުކޮށް މިއަދުގެ ޚަރަދުތައް ހަމަޖެހޭނެ ގޮތް ވުމެވެ. އޭނާއަށް ލިބޭނެ ބޮޑު ފައިދާއަކީ އަންހެނަކު ޒިނޭކުރަން ދިން ދައުވަތު ޤަބޫލުނުކުރުމުން ﷲ ދެއްވަވާނެ ސަވާބާއި މީހަކު ޒިނޭ ކުރުމުން އެއް ފަހަރު ނަމަވެސް ސަލާމަތް ކުރުމުން ދެއްވަވާނެ ބޮޑު ސަވާބު ކަމަށެވެ."
ކޮންމެއަކަސް އޭނާއަކީ ވަރަށް ހޭންޑްސަމް ފިރިހެނަކަށްވުމުން އަހަރެންގެ ބޭނުން ކުރޭތޯ ވަރަށް އާދޭސްކުރީމެވެ. ހަމަ ގަޔާވީ ވަރުންނެވެ. ނަމަވެސް އޭނާ ބުނީ އުމުރުގައިވެސް އަނބިމީހާ އާއިއެކު ނޫނީ އެފަދަ ކަމެއް ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމަށެވެ. މިހާރުވެސް ތައިލަންޑުގައި ހުރީ އަނބިމީހާ އާއިއެކު ބޭސް ފަރުވާއަކަށް ކަމަށާއި އަނބިމީހާ ކޮޓަރީގައި ބައިންދާފައި ނުކުމެ އެބާވަތުގެ އަމަލުކުރުމުން އެ ވެށްޓެނީ ޖަނަވާރުންނަށްވުރެ ވެސް ދަށު ދަރަޖައަކަށް ކަމަށެވެ.
އޭނާ ދާން ކާރަށް އަރަމުން ސަލާމްކޮށްލާފައި ވަރުގަދަ މެސެޖެއް ދިނެވެ. އަހަރެންގެ ހަޔާތް ބަދަލުކޮށްލި މެސެޖަކީ ވެސް އެއީއެވެ. "ކަލޭ ވެސް މަސައްކަތް ކޮށްފިނަމަ ފައިސާ ލިބޭނެ އެހެން މަގެއް ފެންނާނެއެވެ. ހިތްވަރުކުރާށެވެ. އަހަރެން ވެސް ދުޢާކުރާނަމެވެ."
އޭނާ ދިއުމުން ހަމަ "ގަނޑުވެފައި" އެތައް އިރަކު އަހަރެންނަށް ހުރެވުނެވެ. ހިނގައި މިދިއަ ކަންކަމަކީ ހޭލައި ހުއްޓާ ފެނުނު ހުވަފެނެއް ކަމާއިމެދު އެތައް އިރެއްވަންދެން ސުވާލު ކުރެވުނެވެ. ހުވަފެނެއް ކަމަށް ޤަބޫލު ކުރެވެން ނެތީ ކައި ބަނޑު ފުރިފައި ހުރުމާއި އަތުގައި 1000 ބާތު އޮތުމުންނެވެ.
ކޮންމެއަކަސް އެރެއިން ފެށިގެން ފައިސާ ލިބޭނެ އެހެން މަގެއް ހޯދަން އޭނާ އެދިން ނަޞޭހަތަށް އަމަލުކުރަން މަސައްކަތް ކުރީމެވެ. މިޤައުމުގެ ގެއެއްގެ ނޯކަރަކަށް މިއަދު މިހުރެވުނީ އެކަމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.
ތެދެއް ބުނިއްޔާ ޤަބޫލުކުރާނަން ހެއްޔެވެ؟ އެރެއަށްފަހު އެފަދަ ކަމަކަށް އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދާފައެއް ނުވާނެއެވެ. އަހަރެން އަނެއް ދުވަހު ޖޮބް އެޖެންސީއަކަށް ދިއައިރު އެމީހުން އުޅެނީ ކުއްލި އޯޑަރަކަށް އަންހެން ކުދިން ހަމަ ނުވެގެންނެވެ. 5 ވަނަ ދުވަހު އަހަރެން ހުރީ މި ޤައުމުގައެވެ. އެ 5 ދުވަހު ކައި އުޅުނީ ކުރީގައި އެއްކުރެވިފައި ހުރި ވަކިލާރިންނެވެ. އެޖެންސީ ފީ ދެއްކީ މި ޤައުމުގައި މަސައްކަތްކޮށް ލިބުނު 2 މަސް ދުވަހުގެ މުސާރައިންނެވެ. އަހަރެންނަށް ފެނިގެން މިދިއައީ އޭނާ ބުނި ބަހުގެ ތެދުކަމެވެ. "ކަލޭ ވެސް މަސައްކަތް ކޮށްފިނަމަ ފައިސާ ލިބޭނެ އެހެން މަގެއް ފެންނާނެ" ކަމަށް ބުނި ބުނުމުގެއެވެ.
އެރޭ އޭނާ އަހަރެންނަށް ދިން އެ މެސެޖު، އެއިރު އަހަރެން އުޅުނު ގޮތަށް އުޅޭ ހުރިހާ އަންހެން ކުދިންނަށް މިއަދު ދޭން އަހަރެން ބޭނުމެވެ. "ކަލޭމެން ވެސް މަސައްކަތް ކޮށްފިނަމަ ފައިސާ ލިބޭނެ އެހެން މަގެއް ފެންނާނެއެވެ."
- ޤަތަރުގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް.
މިއަދުނޫހަށް މިހާރު ވަނީ އޭނާ އާއި ބައްދަލުކުރެވިފައެވެ. "ތި ލިޔުމެއް ޖަހައިގެން އުޅޭކަން އެނގުނީވެސް ވަރަށް ފަހުން. ނަޞީބެއްނު އެކުއްޖާ އާއެއްކޮށް ސެލްފީއެއް ނުނެގުނުކަން. އެހެން ނޫންނަމަ އެފޮޓޯވެސް ޤަތަރު ނޫހުގަ ޖަހާނެތާ؟"
މި ހިތްވަރުގަދަ، ޢަޒުމްވަރުގަދަ، އަނބިމީހާއަށް ވަފާތެރި އެކުވެރިޔާގެ ވާހަކަ އަނެއްކާވެސް ތަކުރާރުކޮށް މިލަނީ މިވާހަކައަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށް ޢިބްރަތްތެރި، ކިޔުންތެރިންނަށް ފައިދާތަކެއް ލިބިގެންދާނެ ފިލާވަޅަކަށްވާތީއެވެ!