މިއަހަރުގެ ހެލްތު އެކްސްޕޯ އަންނަ ނޮވެންބަރު މަހުގެ 13 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި އެކްސްޕޯ އިންތިޒާމުކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ.
ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި، ޞިއްޙީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމެވެ. އަދި މީގެ އިތުރުން ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ.
މި އެކްސްޕޯގައި ޖުމްލަ 60 ސްޓޯލް ހިމެނޭނެ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި އާންމު 50 ސްޓޯލާއި ކާބޯތަކެތި ވިއްކުމަށް 10 ސްޓޯލް ހިމެނެއެވެ.
އެކްސްޕޯގެ ތެރެއިން ޚާއްޞަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ލަކީޑްރޯއެއް ބޭއްވުމާއި ސްޓޭޖް ޝޯއެއް ބޭއްވުން ހިމެނެއެވެ.
ފާއިތުވި އަހަރުތަކުގައިވެސް މި އެކްސްޕޯ ބޭއްވުމުން ގިނަ ރައްޔިތުންތަކެއްގެ ތަރުހީބު ލިބިފައިވާއިރު، މިއަހަރުވެސް ގިނަ ބައިވެރިންތަކެއް މި އެކްސްޕޯއަށް ޒިޔާރަތްކުރާނެ ކަމަށް ޞިއްޙީ ވުޒާރާއިން އުންމީދުކުރައްވައެވެ.