ކުރިއަށް އޮތްތަނުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މަގާމަކީ ފުލްޓައިމް މަގާމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓާއެކު އަންހެނުންގެ ކޮމިޓީތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ކައުންސިލުން ދޭ ބަޖެޓު 2 ގުނަ ކުރެއްވުމާއި، ރަމަޟާން މަހުގެ އެލަވަންސް ކައުންސިލްތަކުގެ ބަޖެޓުން ދިނުން ހިމެނެއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ ޕާޓްޓައިމްކޮށް މަސައްކަތްކުރާ ބައެއް ނަމަވެސް، އަލަށް ގެންނަ ބަދަލާއެކު ކޮމިޓީތަކުގެ ރައީސުންގެ މަގާމަކީ ފުލްޓައިމް މުސާރަ ލިބޭ މަގާމަކަށް ވެގެންދާނެއެވެ.
"މިހާރު ރައީސާ ހޮވަނީ އެ ޑަބްލިއުޑީސީއެއްގެ މެންބަރުންގެ ތެރޭގައި ނަގާ ވޯޓަކުން. ނަމަވެސް މި ގެންނަ ބަދަލަކީ ކައުންސިލް ރައީސް ހޮވާ އުސޫލުން ޑަބްލިއުޑީސީގެ ރައީސްވެސް ހޮވަން މިއުޅެނީ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުން އިންތިޚާބުކުރެވޭނީ ކައުންސިލްތަކުގެ ރައީސުން އިންތިޚާބުކުރާ އުސޫލުންނެވެ. މި ބަދަލުތައް ގާނޫނަށް ގެނައުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވަރަށް ބޮޑު ކުރިއެރުމަކާއި ބާރުވެރިކަމެއް ލިބިގެންދާނެއެވެ.