މިއީ މުޙައްމަދު ޙޫދް އަޙްމަދެވެ. ޙޫދްއަކީ ދީނީ ޢިލްމު އުނގެނި، އިސްލާމީ ރިވެތި އާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތްކުރަމުން އަންނަ ހުނަރުވެރި ޒުވާން އިމާމެކެވެ.
ޙޫދްއަކީ ކީރިތި ޤުރުއާނުގެ ޢިލްމަށް ލޯބިކުރާ، އެ ދާއިރާއިން މެދު އުޑުގައި ފިޔަޖަހަމުން އަންނަ ޒުވާނެކެވެ. ސްކޫލް ދައުރުގައި ވެސް އޭނާ ވަނީ ޤުރުއާން މުބާރާތްތަކުގައި ރަން ވަނަތައް ހާސިލުކޮށްފައެވެ. އެގޮތުން، 2024 ވަނަ އަހަރުގައި މ. އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުން ޙޫދް ވަނީ މުޅި މުބާރާތުން އެއްވަނަ ހާސިލުކޮށްފައެވެ. މިއީ އޭނާގެ ކާމިޔާބީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
އިމާމުކަންކުރުމަށް އެންމެ ފުރަތަމަ ޙޫދްގެ ހިތުގައި ޝައުޤުވެރިކަން އުފެދުނީ މ. މުލަކަށް އިމާމްވެ ތަރާވީސް ކުރައްވަން ވަޑައިގެންނެވި، ޕާކިސްތާނަށް ނިސްބަތްވާ އިމާމެއް ކަމަށްވާ އަލްޙާފިޒް މުޙައްމަދް ޚާން އާސިމްގެ ފަރާތުންނެވެ. އެބޭފުޅާގެ ކިޔެވުމުގެ ވައްޓަފާޅިއަށް ލޯބި ޖެހި، ޙޫދް ވަނީ މި ދާއިރާއިން ކުރިއަށް ދިއުމަށް ގަދަ އަޒުމެއް ކަނޑައަޅާފައެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހިންގާ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވެ، މި ޕްރޮގްރާމް ފުރިހަމަކޮށް، މިހާރު ޙޫދް ދަނީ އިމާމެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުންނެވެ.
ދީނީ ކަންކަމަށް އިސްކަން ދިނުމުގެ އިތުރުން، ޙޫދްއަކީ ކުޅިވަރަށް ވެސް ނުހަނު ކުޅަދާނަ ޒުވާނެކެވެ. މިގޮތުން އޭނާއަކީ ވޮލީ ކުޅުމާއި ވޮލީގެ ރެފްރީކަން ކުރުމުގެ އިތުރުން، ފުޓްސަލްގެ ރެފްރީކަން ވެސް ކުރާ ފަރާތެކެވެ. އަދި ފުޓުބޯޅައިގެ ވެސް ރެފްރީއެއްގެ ގޮތުގައި އޭނާ މަސައްކަތްކުރެއެވެ. މިކަންކަމުން ދައްކުވައިދެނީ ޙޫދްއަކީ ތަފާތު ދާއިރާތަކުން ކާމިޔާބީ ހޯދަމުން އަންނަ ހުނަރުވެރި ޒުވާނެއްކަމެވެ.
ޙޫދް ބުނާ ގޮތުގައި ޒުވާން އުމުރެއްގައި މިހާހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކީގައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޙޫދްގެ މައިންބަފައިންނާއި، ޢާއިލާއާ އަދި ރައްޓެހިންނެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް ކާމިޔާބީ ހޯދުމަށް މަސައްކަތްކުރާއިރު، އޭގެ ފަހަތުގައި ޢާއިލާގެ އެހީތެރިކަމާއި ހިތްވަރު މުހިންމުކަން ޙޫދްގެ މި ވާހަކައިން އެނގިގެންދެއެވެ.
ޙޫދް މުޖުތަމަޢާއި ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖް ވަރަށް ސާފެވެ؛ ހިތްވަރާއެކު ގަދައަޅާ މަސައްކަތްކުރުމުން ކޮންމެ ކަމެއްވެސް ހާސިލުކުރެވިދާނެއެވެ. ވަކީން ޚާއްސަކޮށް އިމާމްކަމާއި، ކީރިތި ޤުރުއާން ކިޔަވައި އުނގަންނައިދިނުމުގެ ދާއިރާއަކީ ރާއްޖޭގައި ވަރަށް ގިނަ ފުރުޞަތުތަކެއް އޮތް ދާއިރާއެއްކަމަށާއި، ޒުވާނުން މިފަދަ ދާއިރާތަކަށް ވަދެ، ދީނަށް ޚިދުމަތްކުރުމަކީ އުފާވެރި ކަމެއް ކަމަށް ޙޫދް ދެކެއެވެ.
ހަބަރު: ސަރުކާރު