އެޗްޑީސީން 1 މިލިއަން ގަސް އިންދުމުގެ މަންޒިލަށް ވާސިލުވުމުގެ ފެހި މަންޒަރު އިފްތިތާހުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެޗްޑީސީން 1 މިލިއަން ގަސް އިންދުމުގެ މަންޒިލަށް ވާސިލުވުމުގެ ފެހި މަންޒަރު އިފްތިތާހުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެޗްޑީސީން 1 މިލިއަން ގަސް އިންދުމުގެ މަންޒިލަށް ވާސިލުވުމުގެ "ފެހި މަންޒަރު" މިއަދު އިފްތިތާހުކޮށްފިއެވެ.

އެޗްޑީސީގެ މައި އޮފީސް ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އަތީފްގެ އިތުރުން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު، ޗީފް އޮޕަރޭޝަންސް އޮފިސަރ އަޙްމަދު އިބްރާހިމް އަދި ފަސް މިލިއަން ގަސް މަޝްރޫޢު ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

"ފެހި މަންޒަރު" ގެ މައިގަނޑު މަޤްޞަދަކީ އެޗްޑީސީން ވެފައިވާ އެއް މިލިއަން ގަސް އިންދުމުގެ ވަޢުދަށް ވާސިލުވުމަށް އެޗްޑީސީން އިންދަމުންދާ ގަސްތަކުގެ އަދަދު ރައްޔިތުންނަށް ހާމަކޮށްދިނުމެވެ. މި ގޮތުން 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105,000 ގަސް އިންދާފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެށިފައިވަނީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހުގައެވެ. މި ޕްރޮގްރާމްގެ ދަށުން އެކި ކުންފުނިތަކާއި މުއައްސަސާތަކުން ދަނީ ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އެޗްޑީސީން މި ޕްރޮގްރާމްގެ ދަށުން 1 މިލިއަން ގަސް އިންދުމަށް ވަޢުދުވެފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން