ދިވެހި ޕްރިމިއާ ލީގުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖެހިގެން ދިޔައީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެންނެވެ.
ރާއްޖޭގެ އެންމެ މޮޅު 10 ޓީމު ވާދަކުރާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ދިރާގުން ފާހަގަކޮށްފައިވެއެވެ. ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ ވިދާޅުވެފައިވަނީ ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އަބަދުވެސް އެންމެ މަގްބޫލު ކުޅިވަރުކަމަށްވާއިރު ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި އަލުން އިޔާދަކޮށް ކުޅުންތެރިން ބިނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެފައިވަނީ ދިރާގަކީ ފެށުނީއްސުރެވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގައި ފުޓްބޯޅައިގެ ރޫހު އަލުން ދިރުވާ ކުޅުންތެރިންނާއި ކްލަބްތައް އިތުރަށް ތަރައްގީކޮށް ވާދަވެރި ޕްލެޓްފޯމްތައް ގާއިމްކޮށް ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިރާގުން ދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ދިރާގަކީ ރާއްޖޭގައި ކުޅިވަރު ތަރައްޤީކުރުމާއި މުޖުތަމައުގެތެރޭގައި ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ މުހިންމު ހަރަކާތްތަކަށް އެންމެ ކުރީސަފުގައި އެއްބާރުލުން ދެމުން އަންނަ ކުންފުންޏެކެވެ.
މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކުރިޔަށްދާނީ 18 ސެޕްޓެމްބަރުން 5 ފެބުރުއަރީގެ ނިޔަލަށް ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ.