ރެސިޑެންސް ވިސާ ދިނުމާއި ގުޅޭ ޤާނޫނީ އޮނިގަނޑާއި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރެސިޑެންސް ވިސާއާ ގުޅޭ ބައްދަލުވުންތައް މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ބޭއްވިފައިވެއެވެ. މި ބައްދަލުވުންތަކުގެ ދެވަނަ ބުރުގައި ހެންލޭ އެންޑް ޕާރޓްނަރސްގެ އިތުރުން، ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ވުޒާރާއާއި ސަރުކާރުގެ އެހެން މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރގެ ބައެއް ފަރާތްތައް ބައިވެރިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، މަޝްވަރާގެ މި މަރުޙަލާގައި މައިގަނޑު ގޮތެއްގައި ބަލައިލެވިފައިވަނީ ރާއްޖޭގައި ރެސިޑެންސް ވިސާ ދިނުމުގެ ޕްރޮގްރާމް ޑިޒައިންކުރުމާއި، އެކަމާ ގުޅޭ ސިޔާސަތުތަކާއި އަދި މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމާ ގުޅޭ ކަންކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ސަރވިސް އެގްރިމަންޓް ފޯރ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ހެންލޭ އެންޑް ޕާރޓްނަރސްއާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައި ކަމެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތުން، ރާއްޖޭގައި ރެސިޑެންސް ވިސާ ދޫކުރުމުގެ ނިޒާމެއް ޤާއިމްކުރެވި، އެކަމާ ގުޅޭ ޤާނޫނީ އޮނިގަނޑު އަދި ސިޔާސަތުތައް ނިންމުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ.