ޢިބްރަތްތެރި ވާހަކަ: އަމިއްލައަށް ބޭނުންވާ ކަންކަން ނުކޮށް ލިބޭ މުސާރަ އެކުގަ މަންމައަށާ ދަރިފުޅަށް ޚަރަދުކުރި އެކަނިވެރިމައަކަށް ލިބުނު ބޮޑު އުފާވެރިކަމާ ތަނަވަސް ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޢިބްރަތްތެރި ވާހަކަ: އަމިއްލައަށް ބޭނުންވާ ކަންކަން ނުކޮށް ލިބޭ މުސާރަ އެކުގަ މަންމައަށާ ދަރިފުޅަށް ޚަރަދުކުރި އެކަނިވެރިމައަކަށް ލިބުނު ބޮޑު އުފާވެރިކަމާ ތަނަވަސް ދިރިއުޅުމުގެ ވާހަކަ-

އަޅުގަނޑަކީވެސް ކައިވެނިކޮށްގެން ވަރަށް އުފަލުގައި ދިރިއުޅެމުން އައި އަންހެނަކީމެވެ. ނަމަވެސް އެއުފާވެރިކަން ދެމިއޮތީ ދަރިއަކު ލިބެންދެންނެވެ. ދަރިއަކު ލިބުމާއިއެކު ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ހިނގައްޖެއެވެ.  

އަޅުގަނޑުގެ ދަރިފުޅަށް 3 އަހަރުގައި އަޅުގަނޑުގެ މަންމަ އަޅުގަނޑުގެ ދަރިފުޅު ގެންގޮސްގެން ބަލަން ފަށައިފިއެވެ. އެއިރުވެސް ލިބޭ މިންވަރަކުން މަންމައަށް އެހީތެރިވަމެވެ. ދަރިފުޅު ބަލައިދޭން ފެށުމުން އަޅުގަނޑުގެ އަސާސީ ބޭނުންތަކަށް ނަގާފައި ލިބޭ މުސާރަ އެކުގައިހެން ދެމުން އައީ މަންމައަށެވެ.

އެހިސާބުން އެޕާޓްމަންޓްގައި ދިރިއުޅެމުން އައީ އެކަންޏެވެ. އެދުވަސްވަރު ތަނަވަސްކަންހުރި މީހަކު އަޅުގަނޑާއި ގުޅެން ބޭނުންވުމުން އެއްބަސްވީމެވެ. ރުހި ޤަބޫލުވީމެވެ.  

ދެމީހުން ބައްދަލުކުރަމެވެ. އެޕާޓްމަންޓަކު ނޫނެވެ. ކެއުންތަކުންނެވެ. އޭނާގެ ގާތުގައި ދަރިއަކު ހުންނަ ވާހަކައެއް ނުބުނަމެވެ. އެއީ އޭނާވެސް ސުވާލުނުކުރާތީއެވެ. ކެއުންތަކަށް ދަނީވެސް މަންމަ ގާތުގައި އަޅުގަނޑު ގުޅަންދެން ނުގުޅަން ބުނެފައެވެ. އެއީ މަންމަގެ ކޯލެއް ލިބި ދަރިއަކު ހުންނަކަން އޭނާއަށް އެނގޭފަދަ ބަހެއް ބުނެފާނެތީއެވެ.  

ކޮންމެއަކަސް މަންމަ ގާތުގައި ބުނެނުލައި ދެވުނު ރެއަކު މަންމަ ވީޑިއޯ ކޯލެއް ކުރިއެވެ. އަޅުގަނޑަކީ ކޮންމެ ވަޤުތަކުވެސް މަންމަގެ ކޯލްތައް ނަގާ ދަރިއަކަށްވުމުން ކޯލްނެގީމެވެ. ދަރިފުޅާއިވެސް ވާހަކަދެއްކީމެވެ. ކޯލް ނިންމާލުމުން ފުރަތަމަވެސް ސުވާލުކުރީ ދަރިއަކު ހުންނަ ވާހަކަ ކުރިން ނުބުނީ ކީއްވެގެންތޯއެވެ؟  

އަޅުގަނޑު ބުނީމެވެ. "އަހުރެން ދެކެ ލޯބިވާ މީހަކު ދަރިއަކު ހުއްޓަސް ނެތަސް ލޯބިވާނެއެވެ. އެކަމާއި ސުވާލުނުކުރާތީ ނުބުނެވިއޮތީއެވެ. އަދި ލޯބިވެގެން އުޅުނަސް ކައިވެނިކުރަން ނުއުޅޭތީ ކޮންމެހެން އެވާހަކަ ނުބުނެވި އޮތީއެވެ." 

އޭނާ އަޅުގަނޑު ދެއްކި ވާހަކަ ޤަބޫލެއް ނުކުރިއެވެ. ހީކުރީ ދަރިފުޅު ނުބަލަން މަންމައަށް ދީފައި ހުންނަނީ ކަމަށެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫންކަމަށާއި ކޮންމެ ދުވަހަކު ދަރިފުޅުގެގާތަށްގޮސް ކަންކަން ބަލައި ލޯބިދޭކަމަށްވެސް ބުނީމެވެ. ބަންދުދުވަސްދުވަހު ގެނެސްގެން އަޅުގަނޑާއިއެކު ގެންގުޅޭކަމަށްވެސް ބުނީމެވެ. އަދި މަންމަ ގާތުގައި ބަހައްޓަނީ މަންމަގެ އެދުމަށް ކަމަށާއި ވަޒީފާއަށް ދާންޖެހޭތީ އެކަނި ގޭގައި ނުބަހައްޓަން ކަމަށްވެސް ބުނީމެވެ.  

އެކަމަކުވެސް އޭނާ ބޭނުންވީ އޭނާ ގޮވައިގެން މަންމަގެ ގާތަށްދާށެވެ. އެހެންވެ ކައިނިމިގެން ދިއައީ އެގެއަށެވެ. އެއިރު ދަރިފުޅު އޮތީ ނިދާފައެވެ. މަންމަގެ ގާތުން އޭނާ އޮޅުންފިލުވަން ބޭނުންވި ކަންކަން އޮޅުންފިލުވުމަށްފަހު އެނބުރި ގެއަށް އަންނަމުން އޭނާބުނީ ކައިވެނިކުރުން އަވަސްކުރަން ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ މަންމަޢާއި ދަރިފުޅަށް ހެޔޮކޮށް ހިތާ މީހަކު އިތުރަށް އިމްތިޙާނުކުރަން ދުވަސްތައް ހޭދަކުރަން ބޭނުން ނުވާކަމަށެވެ.

ކޮންމެއަކަސް ދެވަނަ ކައިވެނިމަތީގައި 12 އަހަރުވީއެވެ. އިތުރު 3 ދަރިންނާއިއެކު 4 ދަރިން އެބަތިއްބެވެ. ކައިވެންޏަކީ އުފާވެރި ކައިވެންޏެކެވެ. މިއަށްވުރެ އިތުރަށް ނުބުނި ނަމަވެސް ފުދޭނެ ކަމަށް ހީކުރަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ވާހަކައިން ފިލާވަޅެއް ޙާޞިލްކުރެވިއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްކުރެވުނީއެވެ. ކޮށްލަން ބޭނުންވާ ވަޞިއްޔަތަކީ އެކަނިވެރިވީނަމަވެސް އެމީހެއްގެ ޙާލަތު ނިޔާކުރާ މިންވަރަކުން މައިންބަފައިންނަށާއި ދަރިންނަށް ހެޔޮކޮށް ހިތާށެވެ. އެކަމުގެ ފައިދާ މިދުނިޔޭގައިވެސް ކުރާނެއެވެ. އިން ޝާ ﷲ

 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން