ހުޅުމާލޭގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް އެޅުމަށް އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހުޅުމާލޭގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް އެޅުމަށް އިޢުލާންކޮށްފި

ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ޢިމާރާތް "ދާރުއްސަލާމް" އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އިޢުލާންކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ޢިމާރާތް އެޅުމާއި މެއިންޓަނަންސްގެ މަސައްކަތްތައް ހިމެނޭކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ކުރިން ރަޖިސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރުމަށް ވުޒާރާއަށް ހާޒިރުވާންޖެހޭނެއެވެ. އަދި އޭގެފަހުން އަންދާސީ ހިސާބު ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ވުޒާރާއިން ދީފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެކަމަށް ވުޒާރާއިން ވަނީ އަންގާފައެވެ.

ދާރުއްސަލާމްގެ ނަމުގައި ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މި ޢިމާރާތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ވަޤުފް ޢިމާރާތް ކަމަށްވާތީ، މި މަޝްރޫޢަކީ ވަރަށް މުހިންމު އަދި ބޮޑު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން