ނ. މަނަދޫގެ އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ނ. މަނަދޫގެ އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނ. މަނަދޫގައި އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.

71 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދު ހިނގާނެ މި މަޝްރޫޢުގެ ދަށުން، މަނަދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުގައި ކޮންވެންޝަނަލް ގްރެވިޓީ ސިސްޓަމެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން އަދި ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން އައުޓްފްލޯއެއް އެޅުމާއި، އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައްވެސް ކުރެވޭނެއެވެ. މި މަޝްރޫޢުގެ އަގަކީ 71،212،387.68 ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް 700 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މަޝްރޫޢު ނިމުމުން މަނަދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މިއީ އެރަށުގެ ވެށްޓަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެކެވެ.

މިއަދު އޮންލައިން