ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ފެލިދުއަށް މިއަދު ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ފެލިދެ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތިންވަނަ ރަށަކީ ފެލިދޫއެވެ. މި ރަށަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކާއި އެކި އުމުރުފުރާގެ ގިނަ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ނުކުމެފައެވެ.
ފެލިދޫގައި ހޭދަކުރައްވާ ވަގުތުކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.