ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފުލިދުއަށް ކުރެއްވި ދަތުރުފުޅަކީ އިންތިޚާބަކާ ގުޅިގެން ނޫންގޮތަކަށް އެރަށަށް ރާއްޖޭގެ ރައީސަކު ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ، "ދިވެހިރާއްޖެ މިނިވަން ދެފުށް ފެންނަ އިންތިޚާބުތަކަށް ހުޅުވިގެން ދިޔަ ފަހުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ނޫން ގޮތަކަށް ދިވެހިރާއްޖޭގެ ރައީސަކު ވ. ފުލިދޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު" ކަމަށެވެ.
އިމްތިޔާޒު އިތުރަށް ވިދާޅުވީ މި ދަތުރުފުޅުން ދޭހަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއެއްސެވުމަށާއި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް މުޢިއްޒު ދެއްވާ އިސްކަމުގެ މިންވަރު ކަމަށެވެ. އަދި މިކަމަށްޓަކައި ފުލިދޫ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.
ކައުންސިލުގެ ރައީސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާކަމީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް މުޢިއްޒު ދެއްވާ އިސްކަމުގެ އަލިގަދަ ހެއްކެކެވެ.